ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ބާއްވާ ބޮޑުބެރު މުބާރާތް މިރޭ ފަށަން ތައްޔާރުވެއްޖެއެެވެ.
އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ތެރެއިން ކުރިއަށް ގެންދާ މި މުބާރާތުގެ މަޤްޞަދަކީ ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުންކަމަށް މުބާރާތް އިންތިޒާމު ކުރާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއެވެ. އަދި ދިވެހިންގެ މެދުގައި މިކަމަށް އޮތް ޖޯޝާއި ފޯރި އާލާކޮށް، ޒުވާނުންގެ ހިތްތަކުގައި މި ކަމަށް ލޯބި ޖެއްސުމަކީވެސް މި މުބާރާތުގެ މަޤްޞަދެއްކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.
މި މުބާރާތް މިރޭ ފަށާއިރު، މުބާރާތުގައި ބައިވެރިވާ 6 ގްރޫޕުގެ ހުށަހެޅުންތައް ކުރިއަށް އޮތް 3 ދުވަހު ކޮންމެ ރެއަކުވެސް ހުށަހަޅާނެއެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް ވަކި ވައްތަރެއްގެ ލަވަތައް ހުށަހަޅާ ގޮތަށެވެ. އެގޮތުން މިރޭ މުބާރާތް ފަށާނީ ކާށިމަޖާ ލަވަތަކުންނެވެ. އަދި މާދަމާ ރޭ ބަބުރު ލަވައަށް ހާއްސަ ކުރެވިފައިވާއިރު، 3 ވަނަ ރޭ ގްރޫޕްތަކުން ހުށަހަޅާނީ އަމިއްލައަށް އިޙްތިޔާރުކުރާ ބާވަތެއްގެ ލަވަތަކެވެ.
މުބާރާތުގައި ގްރޫޕްތަކުން ހުށަހަޅާ ލަވަތަކަށް، ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެއެވެ. މި ހުށަހެޅުންތަކަށް ވޯޓު ދޭނީ ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށެވެ.
މިމުބާރާތާއި ގުޅިގެން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ބީސީސީގެ އެސިސްޓެންޓް މެނޭޖަރ މުހައްމަދު ޝަމްޢޫން ވިދާޅުވީ މުބާރާތަކީ ދިވެހިންގެ ސަޤާފަތް ދައްކާލުމުގެ ލިބިގެންދާ ފުރުސަތެއް ކަމަށެވެ. އެގޮތުން ކޮންމެ ގްރޫޕަކުންވެސް އިޝީނދެގެން، އިހުގެ ގޮތަށް ލަވައެއް ހުށަހަޅަން ޖެހޭނެ ގޮތަށް އިންތިޒާމު ކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން، ބޮޑުބެރު ސަޤާފަތް ދިރުވުމަށް މަގުފަހިވެގެންދާކަމަށް ޝަމްއޫން ވިދާޅުވިއެވެ.
މި މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހުގެ ހަވީރާއި ރޭގަނޑު މުބާރާތުގެ ފައިނަލްގެ ކަންކަން ކުރިއަށްދާނެއެވެ.