މެޗު ފަސޭހަކޮށްލެވުމުން އަދަބުލިބިއްޖެކަމަށް ނިއުރޭޑިއަންޓުގެ ކޯޗު ސޮބާހު މުހަންމަދު ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ސޮބާ މިހެން ބުނީ މިހާރުކުރިއަށްދާ އެފްއޭއެމް ލީގު ކަޕް 2025ގެ ލީގު ބުރުގެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން މަހިބަދޫ ސްޕޯޓްސް ކުލަބާ ވާދަކޮށް 2-2ގެ ނަތީޖާއަކުން އެއްވަރު މެޗަށް އިޝާރާތްކުރަމުންނެވެ.
މުބާރާތުގެ ސެމީ ފައިނަލުން ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބު ޖާގަހޯދާފަވީނަމަވެސް ސޮބާހު ބުނީ ޓީމުގެ ކުޅުމާ ދޭތެރޭ އޭނާ ހިތްހަމަނުޖެހޭކަމަށެވެ. މުބާރާތް ރޭވިފައިވާ ގޮތުން ގިނަ ފަރިތަކުރުންތަކެއް ނުބޭއްވޭކަމުގެ ކަންބޮޑުވުން ސޮބާހުދަނީ ފާޅުކުރަމުންނެވެ. އޭގެ އިތުރުން އެއްމެޗާ އަނެއްމެޗާ ދޭތެރޭ ލިބޭ ވަގުތުކޮޅު ކުޑަކަމަށާ، އެކަމުގެ ސަބަބުން އަނިޔާގައި ތިބޭ ކުޅުންތެރިންނަށްވެސް ރަނގަޅު ރިކަވަރީއެއް ނުލިބޭކަމަށް ސޮބާހުވަނީ ބުނެފައެވެ.
ނިއުރޭޑިއަންޓުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ އޮންނަ ސެމީފައިނަލުގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުތުމަށެވެ. އޮޑިން މިމުބާރާތުގައި މޮޅުކުޅުމެއްދައްކަމުން އަންނައިރު، ސޮބާހު ބުނީ އޭނާގެ ވިސްނުންހުރީ ފަހަރަކު މެޗަކަށްކަމަށެވެ. ކޮންމެ މެޗަކަށްވެސް ނުކުންނަނީ މޮޅުވާންކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިންނަށް ގޯހެއް ހެދިއްޖެކަން އޭނާ ފާހަގަކުރިއެވެ. ސޮބާހު ބުނީ އިދިކޮޅުން ނުކުންނަ ޓީމަކީ އާދައިގެ ޓީމެއްކަމަށް ވިސްނާލެވިއްޖެނަމަ އެކަހަލަ ނަތީޖާތައް ނުކުންނާނެކަމަށެވެ. އެހެންކަމުން މެޗަށް ނުކުންނަންވާނީ އިދިކޮޅު ޓީމަކީ ވަރުގަދަ ޓީމެއްކަމަށް ދެކިގެން އެވިސްނުމުގައިކަމަށެވެ.
"އަޅުގަނޑުމެން ނުކުންނާނީ އަޅުގަނޑު ބުނިން ހަމަ، މެޗަކަށްފަހު މެޗަކަށޭ. ދެން އަޅުގަނޑުމެން އެމެޗަށް ތައްޔާރުވެވުނު އެންމެ ރަނގަޅަކަށް ތައްޔާރުވެގެން، ދެން ހަގީގަތުގަ ކުޅުންތެރިންވެސް އެބަ ވިސްނަންޖެހޭ އަދި ޚާއްސަކޮށް މިލެވެލްގަ ބައެއް ކުޅުންތެރިންވެސް މިސާލަކަށް ދެ މޮޅުވެފައި އިނީމަ، މަހިބަދޫ މެޗުތަކުން ބަލިވެފަ އިނީމަ އެ ވިސްނާ މެންޓާލިޓީއަކީވެސް އިފެކްޓްކުރި އެއްކަމެއް" ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ސޮބާ ބުންޏެވެ.
ސޮބާހުގެ ވާހަކައިގައި ފާހަގަކުރިގޮތުގައި ކުޅުމުގެ ތެރެއިން ފަސޭހަކޮށްލެވިއްޖެނަމަ މެޗުން މޮޅުވުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން މަހިބަދޫ މެޗުގައި ނިއުރޭޑިއަންޓަށް ހެދުނު މި ގޯހުގެ ސަބަބުން ނަތީޖާ އެއްވަރުވެ، މަހިބަދޫ ކައިރިން ދެމިނުގަނެވުނީކަމަށް ސޮބާހުވަނީ ފާހަގަކޮށްފައެވެ.
"އެހެންވީމަ މެޗެއްގަ 90 މިނިޓުގަ އެގޮތަށް ފަސޭހަކޮށްލެވިއްޖެކަމަށް ވަންޏާމު، އޭގެ ޕަނިޝްމަންޓު ކަންނޭނގެ މިއަދު މިލިބުނީ. ތަންކޮޅެއް އަޅުގަނޑުމެންނަށް ފެށުން ގޯސްވީކަންނޭނގެ، ތަންކޮޅެއް ހިއްލަންވާ ވަރަށް ނުހިއްލި އެކަހަލަ ގޮތްތަކެއް ވެގެން ހަގީގަތުގަ މެޗު ޓެމްޕޯ ގެއްލިގެން މިނަތީޖާ ދިމާވި އެއްސަބަބަކީ" މެޗުގެ ނަތީޖާއާ ގުޅޭގޮތުން ސޮބާހު ބުނެފަވެއެވެ.
ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބް ބައްދަލުކުރާ ސެމީފައިނަލްގެ މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 09:00 ގައެވެ. ލީގު ބުރުގަ މިދެޓީމު ވާދަކުރި މެޗު 2-0 ކާމިޔާބުކޮށްފަވަނީ ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބުންނެވެ.