އަންހެނުންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ ސްޕެއިންގެ ބާސެލޯނާ ބަލިކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިނގިރޭސިވިލާތުގެ އާސެނަލްއިން ބުނެފިއެވެ.
އެ ޓީމުގެ ފޯވަޑް އެލެސިއާ ރުސޯ ބުނީ ބާސެލޯނާ އަކީ އެންމެ ވަރުގަދަ އެއް ޓީމު ނަމަވެސް އާސެނަލްގެ ގޭމް ކުޅެން ފަށައިފިނަމަ މޮޅުވެވޭނެ ކަމަށެވެ.
"އެމީހުންނަކީ ވަރަށް މޮޅު ޓީމެއް. އެކަމަކު އަހަރެން ބުނާނީ އާސެނަލްގެ ގޭމް ކުޅެން ފަށައިފިނަމަ ބާސެލޯނާ ބަލިކުރެވޭނެ ކަމަށް. އަހަރުމެން ޓީމުގައި ވަރަށް ތަފާތު ހުނަރުތައް އެބަހުރި. ވަރަށް މޮޅު ކުޅުންތެރިން އެބަތިބި. އެހެންވީމާ މިއީ އަހަރުމެންނަށް ހޯދިދާނެ ތައްޓެއް،" ރުސޯ ބުންޏެވެ.
ނަމަވެސް ބާސެލޯނާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. މިއީ ވިދިވިދިގެން އެމީހުން ފައިނަލް ކުޅޭ ފަސް ވަނަ ފަހަރެވެ. ޕޯޗުގަލްގެ ލިޒްބަންގެ ހޯސޭ އަލްވަލްޑޭ ސްޓޭޑިއަމަށް މިރޭ ބާސެލޯނާ ނުކުންނަނީ މި ތަށި ވިދިވިދިގެން ތިން ވަނަ ސީޒަނެއްގައި ހޯދުމަށެވެ.
އެ ޓީމުގެ ކެޕްޓަން އެލެޒިއާ ޕުޓެޔާސް ބުނީ އާސެނަލް އަކީ މޮޅު ޓީމެއް ނަމަވެސް ތަޖުރިބާ އާއި ކުޅުންތެރިންގެ ގޮތުން ބާސެލޯނާ އޮތީ ކުރީގައި ކަމަށެވެ.
"އަހަރުމެންނަށް މި ތަށި ހޯދަން އެނގޭ. އަހަރުމެންގެ ތަޖުރިބާ ބޮޑު. އެއީ މިފަދަ ފައިނަލަކަށް ނުކުންނައިރު ވަރަށް މުހިންމު ކަމެއް. އަހަރުމެން އެންމެން ވެސް މި ތިބީ ތަށި ހޯދަން ތައްޔާރު ވެގެން،" ޕުޓެޔާސް ބުންޏެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ ޕުޓެޔާސްއާއެކު ބާސެލޯނާ ޓީމުގެ ތަރި އަކީ އައިޓާނާ ބޮންމާޓީ އެވެ. އޭނާ އަކީ އެންމެ ފަހުގެ އަންހެނުންގެ ވޯލްޑްކަޕާއި ހުސްވި ދެ އަހަރު ވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އެވެ.
"އަހަރެން ހައިރާން ވެއްޖެ ހަގީގަތުގައި ވެސް އާސެނަލް ފައިނަލަށް އައުމުން. އެކަމަކު އަހަރުމެން މަސައްކަތް ކޮށްފިނަމަ މެޗުން މޮޅުވެވޭނެ. އަހަރުމެން މި ތިބީ ތިން ވަނަ ފަހަރަށް މި ތަށި ހޯދަން ބޭނުންވެފައި،" އައިޓާނާ ބުންޏެވެ.
އާސެނަލް ފައިނަލަށް ދަތުރުކުރީ ފްރާންސްގެ ލިއޯން 5-3އިން ބަލިކޮށްފަ އެވެ. ބާސެލޯނާ ފައިނަލަށް ދަތުރުކުރީ ޗެލްސީ 8-2އިން ބަލިކޮށްފަ އެވެ.