ޗެލްސީގެ ކުޅުންތެރިން ތިބީ ހަމަޖެހިފަކަމަށާ، ކުރިއަށް އޮތް ދުވަސްތަކާ ކުރިމަތިލާނީ ޕްރެޝަރެއްނެތިކަމަށް އެޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
އޭނާ މިހެން ބުނެފަވަނީ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ކަށަވަރު ކުރުމަށް ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް އާދިއްތަ ދުވަހު ނުކުތުމަށް ވަގުތު ކުޑަތަންވެފައިވާ ދަނޑިވަޅެއްގައެވެ. އެމެޗަށްފަހު އޭގެ ދެދުވަސްފަހުން އަނެއްކާ ޗެލްސީން ދަނޑަށް އަރާނީ މުހިންމު އެހެން މެޗަކަށެވެ. ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލު މެޗުގައި އަންގާރަ ދުވަހު ޗެލްސީ ވާދަކުރާނީ މޮޅު ކުޅުމެއް ދައްކަމުންދާ ރެއާލް ބެޓިސްއާއެވެ.
ޗެމްޕިއަންސްލީގުގައި ބާކީ މިވަގުތު އޮތް ތިން ޖާގައަށް ޓީމުތަކުން ވާދަކުރަމުންދާއިރު، ޕްރިމިއަރ ލީގުގައި ޗެލްސީ އޮތީ 66 ޕޮއިންޓާއެކު ފަސްވަނައިގައެވެ. އަދި ޗެލްސީއާ ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ނޮޓިންހަމް ފޮރެސްޓު އޮތީ 65 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.
ކުރިއަށްހުރި މެޗުތަކާ ގުޅިގެން މަރެސްކާ ބުނެފަވަނީ ޗެލްސީގެ ކޯޗުކަމާ ހަވާލުވީންސުރެން މޮޅުވުމަށް އޮންނަ ޕްރެޝަރު ބޮޑުކަމަށެވެ. ޗެލްސީއަކީ ކޮންމެހެންވެސް މޮޅުވާންޖެހޭނެ ޓީމެއްކަމަށް ގަބޫލުކުރާކަމަށް އޭނާ ބުންޏެވެ.
"މިކުލަބާ ގުޅުނީންސުރެ އަހަންނަށް ޕްރެޝަރެއް އޮވޭ. ސަބަބަކީ ޗެލްސީއަކީ ކޮންމެހެންވެސް މޮޅުވާންޖެހޭ ޓީމަކަށްވުން" މަރެސްކާ ބުނެފަވެއެވެ.
ޗެލްސީއަށް އަދިވެސް ތާވަލުގެ ކުރިއަށްޖެހިލާ ގަދަ ތިނެއް ކަށަވަރުކުރުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ތާވަލުގެ ތިންވަނަ މެންޗެސްޓަރ ސިޓީން މިވަގުތު ހޯދާފައިވަނީ ޗެލްސީއަށްވުރެން އެންމެ ދެ ޕޮއިންޓު އިތުރަށް ހޯދައިގެންކަމަށްވާތީއެވެ. އެހެންނަމަވެސް ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ޗެލްސީއަށް ތާވަލުގެ ގަދަ ތިނަކަށް އަރަން އޮތް ފުރުސަތު ގެއްލޭނެއެވެ.
"ޕްރިމިއަރ ލީގަކީ ފަސޭހަ ލީގެއް ނޫން. އެތައް ބައިވަރު ޓީމުތަކެއް މިލީގުގައި ކުޅޭ. މިލީގުގަ އެންމެ ކާމިޔާބު ޓިމަކީ ލިވަރޕޫލް. ދެން ބާކީ ތިބި ޓީމުތަކަށް ސީޒަނު މިދަނީ ފާޑަކަށް" މަރެސްކާ ބުންޏެވެ.
މަރެސްކާ ބުނީ ޗެލްސީއަށް ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކުރެވިއްޖެނަމަ ހަމަޖެހިލެވޭނެކަމަށެވެ. މެޗުތަކުގެ ނަތީޖާތަކާ ދޭތެރޭ ވިސްނާ ހަދަންޖެހުމަށް އެހާ ހިސާބުން ނިމުމެއް އަންނާނެކަމަށް މަރެސްކާ ފާހަގަކުރިއެވެ.
ޗެލްސީގެ ކުރިއަށް ހުރި މެޗުތަކަށް ޓީމު ނުކުންނާނީ މިހާރަށްވުރެ ވަރުގަދަކޮށްކަމަށް ބެލެވެއެވެ. އަނިޔާގެ ސަބަބުން ގިނަދުވަސްތަކެއްވަންދެން ކުޅުމާ ދުރުގަތިބި އެޓީމުގެ ބައެއް ކުޅުންތެރިންވަނީ ޓީމާ އެނބުރި ގުޅިފައެވެ. އޭގެ ތެރޭގައި ފޯވަޑު ކްރިސްޓޮފާ އެންކުންކޫ އަދި މާރކް ގިއު ހިމެނެއެވެ.