ޚަބަރު

ބ. އަތޮޅު މެރިން ބަޔޮލޮޖީ އިންޓަރންޝިޕް: މެރިން ދާއިރާގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީއަށްވެސް އަލިއަޅުވާލާ


  • މިފަދަ ޕްރޮގްރާމްތަކުގައި އާންމު ގޮތެއްގައި އަލިއަޅުވާލަނީ ކަނޑާއި ފަރުތަކުގެ ދިރުންތަކަށް

  • ސޯލަރ ޕެނަލްތައް މެދުވެރިކޮށް ކަރަންޓު އުފެއްދާ ގޮތްތައް ވަނީ ދައްކާލާފަ

މެރިން ބަޔޮލޮޖީ އިންޓަރންޝިޕްތަކަކީ ކަނޑުގެ ދިރުންތަކާއި، އެ ދިރުންތައް ރައްކާތެރިކުރުމާ ބެހޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ބާއްވާ ޕްރޮގްރާމްތަކެކެވެ. މިފަދަ ޕްރޮގްރާމްތަކުގައި އާންމު ގޮތެއްގައި އަލިއަޅުވާލަނީ ކަނޑާއި ފަރުތަކުގެ ދިރުންތަކާއި، އަދި އެ ދިރުންތައް ރައްކާތެރިކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.

ބ. އަތޮޅު ކައުންސިލުގެ އިސްނެގުމާއެކު، ބ. އަތޮޅު ބައޮސްފިއަރ ރިޒާވްއާއި ފޯރ ސީޒަންސް ލަންޑާ ގިރާވަރު ގުޅިގެން ކުރިއަށްގެންދާ އިންޓަރންޝިޕް ޕްރޮގްރާމް ތަފާތު ޕްރޮގްރާމް ތަފާތުވަނީ ކަނޑުތަކުގެ ދިރުންތަކުގެ ކިޔައިދިނުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަންވެސް ދަރިވަރުންނަށް އުނގަންނައިދޭތީއެވެ.

އިއާދަކުރަނިވި ހަކަތައިގެ ބޭނުން

ފޯރ ސީޒަންސް ލަންޑާ ގިރާވަރުން އިއާދަކުރަނިވި ހަކަތައިގެ ބޭނުން ކުރުމަށް ޚާއްޞަ އިސްކަމެއް ދެއެވެ.

މި އިންޓަރންޝިޕް ޕްރޮގްރާމުގައި ދަރިވަރުންނަށް ސޯލަރ ޕެނަލްތައް މެދުވެރިކޮށް ކަރަންޓު އުފެއްދާ ގޮތްތައް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ސަބަބުން ތިމާވެއްޓަށް ވާ ފައިދާތަކާއި މަންފާތައްވެސް ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ. އަދި މި ރިސޯޓުގައި ކަރަންޓު އުފައްދާ ގޮތްތައްވެސް ދަރިވަރުންނަށް ވަނީ ދައްކާލާފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުން

އިއާދަކުރަނިވި ހަކަތައިން ކަރަންޓު އެފުއްދުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ރިސޯޓުން ކުރަމުންދާ މަސައްކަތްތައްވެސް ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ. މީގެ އިތުރުން ކުނި ނައްތާލުމުގެ ދާއިރާގައި ރިސޯޓުން ގެންގުޅޭ އުސޫލުތަކާއި ގޮތްތައްވެސް ދަރިވަރުންނަށް ވަނި ދައްކާލާފައެވެ.

އެގޮތުން ގަސްކާނާ އުފެއްދުމަށް ކުނި ބޭނުންކުރާ ގޮތާއި، ޕްލާސްޓިކް ކުނި މަދުކުރުމަށް އަޅާ ފިޔަވަޅުތަކުގެ އިތުރުން ކުނި ވަކިކުރުމަށް ގެންގުޅޭ އުކުޅުތައް ދަރިވަރުންނަށް ވަނީ ދައްކާލާފައެވެ.

މީގެ އިތުރުން ރީސައިކްލިންގ އާއި ރީޔޫސް ކުރުމުގެ މުހިންމުކަންވެސް ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ.

ދަނޑުވެރިކަން

ރިސޯޓުގައި ޤާއިމުކޮށްފައިވާ ދަނޑުވެރިކަމުގެ ނިޒާމަކީ ދަރިވަރުންނަށް ވަރަށް މުހިންމު ތަޖުރިބާތަކެއް ލިބިގެންދިޔަ ބައެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ރިސޯޓުގެ ވަކި ސަރަހައްދެއް ދަނޑުވެރިކަމަށް ޚާއްޞަކޮށްފައިވާއިރު މި ސަރަހައްދުގައި ހައްދާފައިވާ މޭވާއާއި ތަރުކާރީގެ އެކި ބާވަތްތައް އުފައްދާ ގޮތް ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ.

މީގެ އިތުރުން އެއްވެސް ކެމިކަލްއެއް ބޭނުންނުކޮށް ދަނޑުވެރިކަން ކުރުމަށް ރިސޯޓުން ގެންގުޅޭ އުކުޅުތައްވެސް ވަނީ ދަރިވަރުންނަށް ކިޔައިދީފައެވެ.

ރިސޯޓުގެ ދަނޑުގައި ހައްދާ މެވާއާއި ތަރުކާރީގެ ބާވަތްތައް ރިސޯޓުގެ ރެސްޓޯރަންޓްތަކުގައި ބޭނުންކުރެއެވެ. މިއީ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ ރަނގަޅު މިސާލެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ބ. އަތޮޅު ކައުންސިލްގެ އިސްނެގުމާއެކު، ބ. އަތޮޅު ބައޮސްފިއާ ރިޒާވްއާއި ފޯރ ސީޒަންސް ލަނދާ ގިރާވަރުން ގުޅިގެން ކުރިއަށްގެންދާ އިންޓަރންޝިޕް ޕްރޮގްރާމަކީ މެރިން ބައޮލޮޖީގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކާއި ޢަމަލީ ތަޖުރިބާ ދަރިވަރުންނަށް ފޯރުކޮށްދޭ ވަރަށް މުހިންމު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުންނަށް ތިމާވެށި ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމުކަން އެނގި، އެކަންކަން ޢަމަލީ ގޮތުން ތަންފީޒުކުރެވޭނެ ގޮތްތައް ދަސްވެގެންދިޔައެވެ.