އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ހިންގާ ކޮމިޓީގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ މިހާރުވެސް އެ މަގާމު ފުރުއްވަމުން ގެންދަވާ މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އެކަނި ކަމަށް އެ ކޮމިޓީން ހާމަކޮށްފިއެވެ.
ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވަން ނަން ހުށަހަޅުއްވާފައިވާ ކެނޑިޑޭޓުންގެ ނަންތައް އެމްއޯސީއިން އިއުލާންކޮށްފަވާއިރު، ކޮމިޓީގެ ރައިސްކަމަށް ނަން ހުށަހަޅުއްވާފަވަނީ ސައްތާރު އެކަންޏެވެ. އެހެންކަމުން އެމަގާމަށް އޭނާ އައްޔަނުކުރެވިގެންދާނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
އެމްއޯސީގެ ނައިބު ރައީސްގެ މަގާމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެއީ ހޭންޑްބޯލް މޯލްޑިވްސްގެ އަޙްމަދު އިސްމާއިލް އާއި، އެތުލެޓިކްސް އެސޯސިއޭޝަނުގެ މުސްތަފާ މުޙައްމަދުގެ އިތުރުން ޗެސް އެސޯސިއޭޝަނުގެ އަޙްމަދު މުންތަގިމްއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރު، 2025-2029 އަށް ހިންގާ ކޮމިޓީގެ މަގާމުތައް ފުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އޭޕްރިލް މަހުގެ ބާވީހުން ފެށިގެން މެއި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި 18 ފަރާތަކުން ނަން ހުށަހެޅި ނަމަވެސް ފަހު ވަގުތު އެއްފަރާތަކުން ނަން އަނބުރާ ގެންގޮސްފަވާކަމަށް އެމްއޯސީއިންވަނީ ބުނެފައެވެ.
އެމްއޯސީއިން އެންމެ ފަހުން ހިންގާ ކޮމިޓީ އިންތިހާބެއް ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހަރުގެ އިންތިޚާބުގައި އެމްއޯސީގެ ރައީސްކަމަށް ސައްތާރު އިންތިޚާބުކުރެވުނީ 18 މެމްބަރު އެސޯސިއޭޝަނުގެ ތެރެއިން 11 އެސޯސިއޭޝަނުގެ ރުހުމާއެކުގައެވެ. އެ އިންތިޚާބުގައި ސައްތާރާ ވާދަކޮށްފަވަނީ މޫސާ ނާޝިދު (މޫސަ) އެވެ. އޭނާއަށް އެ ފަހަރު ލިބިފަވަނީ ހަތް ވޯޓެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީއަށް ކުރިމަތިލައްވާފައިވާ މެމްބަރުންގެ ނަންތައް ތަރުތީބުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެމްއޯސީގެ އޮފީހުގައެވެ.