ކުޅިވަރު

ތައިލެންޑުގައި ބާއްވާ ހުއަހިން ސިކްސް ކްރިކެޓް މުބާރާތުގައި ރާއްޖޭގެ ތިން ޓީމެއް ވާދަކުރާނެ


ޖުލައި މަހުގެ 6-16 އަށް ތައިލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުއަހިން ސިކްސް ކްރިކެޓް މުބާރާތުގައި ރާއްޖޭގެ ތިން ޓީމެއް ވާދަކުރާނެ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނެފިއެވެ.

މި މުބާރާތާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެއްވަމުން ސީބީއެމްގެ ނައިބު ރައީސް އަޙްމަދު އިސްހާގު ވިދާޅުވީ ހުއަހިން ސިކްސް ކުރިކެޓް މުބާރާތުގައި ރާއްޖެއިން ތިން ކެޓެގަރީއަކުން 30 ކުޅުންތެރިންވާދަކުރާނެކަމަށެވެ. އެއީ މާސްޓާރސް ކެޓެގަރީއާއި، ވެޓެރަންސް ކެޓެގަރީގެ އިތުރުން ސުޕަރ ވެޓެރަންސް ކެޓެގަރީގައެވެ.

"އަޅުގަނޑުމެން މިހާރު ތައްޔާރުވަމުން މިދަނީ ތައިލޭންޑުގައި އޮންނަ "ހުއަހިން ސިކްސް ކުރިކެޓް" މުބާރާތައް. ވޭތުވެދިޔަ ތިން އަހަރުވެސް އަޅުގަނޑުމެން ބައިވެރިވި މުބާރާތެއް މިއީ. އެގޮތުން މިފަހަރަ އެންމެ ގިނަ ކުޅުންތެރިން މި ބައިވެރިވަނީ. އެއީ ތިން ކެޓެގަރީއަކުން ތިން ޓީމެއް ބައިވެރިވޭ"

މީގެ ކުރިންވެސް މިމުބާރާތުގައި ރާއްޖެއިން ތިން ފަހަރެއްގެ މަތިން ވަނީ ބައިވެރިވެފައެވެ. އެގޮތުން ފާއިތުވެދިޔަ އަހަރު މި މުބާރާތުން ރާއްޖޭގެ ޓީމުންވަނީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަދީފައެވެ. އެއީ ވެޓެރަންސް (50 އަހަރުންމަތީގެ އުމުރުފުރާ) ކެޓެގަރީގެ ޗެމްޕިއަންކަމާއި، މާސްޓާރސް ކެޓެގަރީން ރަނަރަޕްކަމެވެ.

"މިދިޔަ އަހަރުގަވެސް އަޅުގަނޑުމެންނަކީ އެމުބާރާތުގެ މާސްޓާސް ކެޓެގަރީން ރަނަރަޕް، އަދި ވެޓެރަންސް 50 އަހަރުންމަތީގެ ކެޓެގަރީގެ ޗެމްޕިއަންސް. އަދި އެއީ އޮސްޓްރޭލިއާ ބަލިކޮށްފަ އެވެސް" އިސްހާގު ވިދާޅުވިއެވެ.

މިމުބާރާތައް ތައްޔާރުވުމުގެ ގޮތުން މީގެ ހަތަރުވަރަކަށް މަސްކުރިން ފަރިތަކުރުންތައް ފަށައިގެން ކުރިއަށްދާއިރު، މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ދާނީ ސީނިއާ ކުރިކެޓާރސް ކުލަބުގެ މެމްބަރުންނެވެ. އޭގެ ތެރޭގައި ކުރީގެ ނަން މަޝްހޫރު ހުރިހާ ކުޅުންތެރިންތަކެއްހެން ޓީމުގައި ހިމެނޭނެކަމަށް އިސްހާގު ވިދާޅުވިއެވެ.

"ތިން ކެޓެގަރީގަ ތިރީހަކަށް ކުޅުންތެރިން އެބަ ބައިވެރިވޭ. އެއީ 35 އަހަރުންމަތީގެ ނުވަ ކުޅުންތެރިންނާއި، 50 އަހަރުންމަތީގެ އެކާވީސް ކުޅުންތެރިއަކު. އޭގެ ތެރޭގަ ކުރީގެ ހުރިހާ ނަން މަޝްހޫރު ކުޅުންތެރިން ޚާއްސަކޮށް މޫސާ ކަލީމްމެން ފަދަ ވަރަށް މަޝްހޫރު ކުޅުންތެރިން ދަތުރުކުރާނެ މިޓީމާއެކު" ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިސްހާގު ވިދާޅުވިއެވެ.

ރާއްޖޭގެ ސީނިއާ ކުރިކެޓާރސް ކުލަބަކީ ވަރަށް ހަރަކާތްތެރިކަމާއެކު، ހިންގަމުން އަންނަ ކުލަބެކެވެ. މިގޮތުން މިކުލަބުގެ ޕްރެކްޓިސްތަކަކީ މުޅި އަހަރުދުވަހަށް ކުރިއަށްދާކަމެއްކަމަށް އިސްހާގުގެ ވާހަކައިގައިވަނީ ފާހަގަކުރައްވާފައެވެ. ކުރިއަށް މުބާރާތެއް ނެތް ނަމަވެސް ބުންވަރު ރަނގަޅުކުރުމަށް އަބަދުވެސް ކުރިކެޓުގައި މިޓީމުގެ ކުޅުންތެރިންދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން ކުރިކެޓަށް ޚާއްސަ ދަތުރުތައް ކުރުމާ، އެކުވެރިކަމުގެ މެޗުތައް ޓީމުތަކާއެކު ކުޅުމަށް ވަރަށް ޚާއްސަ ސަމާލުކަމެއްދެއްވާކަމަށް އިސްހާގުވަނީ ވިދާޅުވެފައެވެ.

"ޖުމްލަކޮށް ދަންނަވާނަމަ އަޅުގަނޑުމެންގެ ޕްރެކްޓިސް މިއޮންނަ ގޮތަކީ އަޅުގަނޑުމެންނަކީ ފިޓްނަސްއަށްވެސް މިކަންތައްކުރާ ބައެއް. އެހެންވީމަ އިޔާރ ތުރޫކޮށް ޕްރެކްޓިސްކުރާނެ. އެކަމަކު މި މުބާރާތައް ޕްރެކްޓިސް ފެށިތާ ހަތަރުވަރަކަށް މަސްވެދާނެ. މިކުލަބުން ދަތުރުކުރާނެ ފުވައްމުލަކަށްވެސް. އެކޮޅުގަ އޮންނާނެ ކުރިކެޓު ދަނޑެއް" އިސްހާގު ފާހަގަކުރެއްވިއެވެ.