ކުޅިވަރު

ވީއޭއެމްގެ ރެފްރީޒް ކޮމިޝަނަށް މެމްބަރުން އައްޔަންކޮށްފި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރެފްރީޒް ކޮމިޝަނަށް އައު މެމްބަރުން އައްޔަންކޮށްފިއެވެ.

ރެފްރީޒް ކޮމިޝަނަށް ފަސް މެމްބަރުން މިއަދު އައްޔަންކުރައްވާފަވާއިރު، މިރަސްމިއްޔާތު ބާއްވާފައިވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައެވެ. އަލަށް އައްޔަން ކުރެވުނު ފަސް މެމްބަރުންނަށް މަގާމު ހަވާލުކޮށްދެއްވީ ވީއޭއެމްގެ ރައީސް މުހަންމަދު ލަޠީފްއެވެ.

ވީއޭއެމްގެ އައު ރެފްރީޒް ކޮމިޝަނުގައި ހިމެނޭ މެމްބަރުންނަކީ:
• ހުސައިން ހަމީދު
• ހަސަން ޝިމާދު
• މުހަންމަދު އަނީސް
• ހައްވާ ރަޝީދާ
• އަލީ ޝާކިރު

މީގެ އިތުރުން ރެފްރީޒް ކޮމިޝަނުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ ހުސައިން ހަމީދުއެވެ. މިހިނގާ ދައުރަށް ހަމަޖެއްސުނު ރެފްރީޒް ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވިފައި ވަނީ ކުރީގެ ކޮމިޝަނުގެ މުއްދަތުހަމަވެ، ދައުރު ހަމަވުމާވިދިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވީއޭއެމްގެ ރައީސް މުހަންމަދު ލަތީފް ވިދާޅުވީ ރެފްރީޒް ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވުނީ މެމްބަރުން ހޯދުމަށް ކުރެވުނު އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ވޮލީގައި ހަރަކާތްތެރިވާ މިންވަރަށް ބަލާ އެންމެ ތަޖުރިބާ ގިނަ ފަރާތްތަކަށް އިސްކަންދީގެންކަމަށެވެ.

ވީއޭއެމްގެ އަސާސީ ގަވާއިދުގައިވާގޮތުން ރެފްރީޒް ކޮމިޝަނެއްގެ މުއްދަތަކީ ހަތަރު އަހަރުދުވަހެވެ.