އެންމެ ބޮޑު މަގުސަދަކީ އިންތިޚާބުތަކަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
މުޙައްމަދު ޒާހިދު މިހެން ވިދާޅުވީ އަލަށް އައްޔަން ކުރެވުނު މެންބަރުންނާއެކު އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރާވާފައިވާ ގޮތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ އެކޮމިޝަންގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ކޮމިޝަނަކީ ޒިންމާދާރު މަސައްކަތްތަކެއް ހަރުދަނާކަމާއެކު ކުރަމުން އަންނަ މުއައްސަސާއެއްކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ރާއްޖޭގައި ބާއްވާ އިންތިޚާބުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ބޮޑު އިތުބާރެއް ލިބިފައިވާ އިންތިޚާބުތަކެއް ކަމަށާއި އެއީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭފަދަ އިންތިޚާބުތަކެއް ކަމަށެވެ.
ބޭނުންފުޅުވަނީ ކުރިއަށްއޮތްތަނުގައިވެސް ރައްޔިތުން އިންތިޚާބުތަކަށް ކުރާ އިތުބާރު ދަމަހައްޓައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަން ކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. އެގޮތުން، މި އިތުބާރު ދެމެހެއްޓުމަށް ވޯޓުލުމުގެ ކަންކަމަށް ކޮމިޝަނުން އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑުމެން އިންތިޚާބު އޮންނަ ދުވަހު އެމީހަކު އަމިއްލައަށްގޮސް ވޯޓުލާން އެ އޮންނަ މާހައުލާއި އޭނާލާ ވޯޓާއި ވޯޓު ގުނުމާއި ވޯޓުގެ ނަތީޖާ ނެރުމާއި މި ކުރާ މަސައްކަތަށް އެއްވެސް ބަދަލެއް އަޅުގަނޑުމެން ނުގެންނާނަން،" އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ ކޮމިޝަންގައި ރޭވިފައި ހުރި މަސައްކަތްތަކުގެ ތެރެއިން އެއް ދާއިރާއިން މަސައްކަތް ކުރިއަށްގެންދިއުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ މަލްޓިޕާޓީ ނިޒާމެއްގައި ޑިމޮކްރެޓިކް ވެއްޓެއްގައި މަސައްކަތް ކުރުމަށްޓަކައި އެ މާހައުލު ޤާއިމުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ޑިމޮކްރެޓިކް ވެށި ހަރުދަނާކުރުމަށް ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރުމަށް އިތުރު އިސްކަމެއް ދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.