ޚަބަރު

ޖަލުތަކުގައި ތިބި ޤައިދީންނަށް ކީރިތި ޤުރްޢާން އުގަންނައި ދިނުމަށް ފަހުމުނާމާއެއް


  • ޤުރްޢާނާއި ހިފްޒް ކްލާސްތައް ނަގައިދިނުމަށް މުދައްރިސުން ހަމަޖައްސާނެ

  • މަރުކަޒުން ހިންގާ ހުރިހާ ކޯސްތަކާއި ހިފްޒް ކްލާސްތައް މުސްތަޤްބަލުގައި ޖަލުތަކުގައި ހިންގާނެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން، ޖަލުތަކުގައި ތިބި ޤައިދީންނަށް ކީރިތި ޤުރްޢާން އުނގަންނައިދިނުމާ ގުޅޭގޮތުން ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމްނާމާގެ ދަށުން، ކަނޑައެޅިފައިވާ އުޖޫރައަކަށް ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުން ޖަލުތަކުގައި ތިބި ފަރާތްތަކަށް ޤުރްޢާނާއި ހިފްޒް ކްލާސްތައް ނަގައިދިނުމަށް މުދައްރިސުން ހަމަޖައްސާނެއެވެ. އަދި ކުޑަކުދިން ބަންދުކުރާ މަރުކަޒުގައި ތިބި ކުޑަކުދިންގެ ތަޢުލީމީ ފެންވަރަށް ރިޢާޔަތްކޮށް ކްލާސްތައް ނަގައިދޭނެ މުޤައްރަރު ކަނޑައެޅުމާއި ދަރިވަރުންގެ ކުރިއެރުމާއި އިމްތިޙާނުކުރުމާއި ވަޒަން ކުރާނެ އުސޫލުތައް ހެދުމާއި އެ އުސޫލުތަކާ އެއްގޮތަށް ކްލާސްތައްވެސް މިފަހުމުނާމާގެ ދަށުން ހިންގާނެއެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ތަޖުވީދުމަގުން ރީތިކޮށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި މަރުކަޒުގެ މުދައްރިސުން ހަމަޖެއްސުމާ ގުޅޭ އެންމެހާ ކަންތައްތަކަށް މަގުފަހިކޮށްދިނުން ކަމަށް އެމްސީއެސްއިން ވިދާޅުވިއެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވީ މި ފަހުމުނާމާގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ކީރިތި ޤުރްޢާން އުގަންނައިދިނުމަށްޓަކައި ކޮށްދެވެން އޮތް ހުރިހާ ކަމެއް އެ މަރުކަޒުން ކޮށްދެއްވާނެކަމަށެވެ. އަދި އެ މަރުކަޒުން ހިންގާ ހުރިހާ ކޯސްތަކާއި ހިފްޒް ކްލާސްތަކާއި އެކި ޕްރޮގްރާމްތައްވެސް މުސްތަޤްބަލުގައި ޖަލުތަކުގައި ހިންގާނެކަމަށް ޢަބްދުﷲ ސަޢުދާން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ދެއްކެވި ވާހަކައިގައި ޖަލުތަކުގައި ހިންގާ ދީނީ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. ކޮމިޝަނަރ ވިދާޅުވީ ޖަލުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބިއިރު، އޭގެތެރެއިން ބައެއް ފަރާތްތަކަށް ރަނގަޅަށް ކީރިތި ޤުރްޢާން ކިޔަވަން ނޭނގޭކަމަށާއި، މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން އެފަރާތްތަކަށް ކީރިތި ޤުރްޢާން އުގަންނައިދެވޭނެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުން ހިންގާ ކޯސްތަކާއި ޕްރޮގްރާމްތަކުގައި އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު އޮތްކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

މިފަހުމުނާމާގައި ސޮއިކުރުމަށް ސަލްމާން މިސްކިތުގައި ބޭއްވި ރަސްމިއްޔާތުގައި، އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ކީރިތި ޤުރްޢާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ.