ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ޖުވެނައިލް ޖަސްޓިސްގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި އެޑިޕާޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގެވެ. އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި އެ އެޖެންސީގެ ޗެއަރޕާސަން ލުބުނާ ޒާހިރެވެ.
މިއެއްބަސްވުގައި ސޮއިކުރެއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވީ ޑީޖޭޖޭ އާއި އެންޑީއޭ އަކީވެސް ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ދެ އިދާރާ ކަމަށާއި އެއްބަސްވުމުގެ ބޭނުމަކީ އެ މަސައްކަތުގައި އެއް އިދާރާއިން އަނެއް އިދާރާއަށް އެއްބާރުލުން ދިނުން ކަމަށެވެ. އަދި މަސްތުވާތަކެއްޗަށް ކުޑަކުދިންވެސް ހުށަހެޅެމުންދާއިރު އެ ކުދިންނަށް ފަރުވާދީ ރިހެބިލިޓޭޓް ކުރުމަށް ދެ ފަރާތް ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ސިއްދީގު ވިދާޅުވިއެވެ.
"މި ދެފަރާތް ގުޅިގެން ކަންތައްތައް ކޮށްފި ކަމަށްވަންޏާ މާދަމާގެ މުސްތަގުބަލައްޓަކައި މިއަދުގެ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމަށް ގިނަ ރަނގަޅު ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" ސިއްދީގު ވިދާޅުވިއެވެ.
އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ޑީޖޭޖޭއިން ޚިދުމަތް ހޯދާ ފަރާތްތަކަށް އެންޑީއޭގެ ސައިކޭޓްރީ ޚިދުމަތް ލިބޭނެ ކަމަށެވެ. މިއީ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި ދެ އިދާރާ ގުޅިގެން މަސައްކަތް ކުރުމުން އަވަސް އަދި ފެންވަރު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށްވެސް ލުބުނާ ވިދާޅުވިއެވެ.
"ނޭޝަނަލް ޑްރަގް އެޖެންސީއާއި ޑީޖޭޖޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާއިރު ބައެއް ޓެކްނިކަލް މައްސަލަތައް ދިމާވެ މަސައްކަތްކުރުމުގައި ލަސްތައް ދިމާވޭ. މި އެމްއޯޔޫގެ ސަބަބުން އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން ކުރާ މަސައްކަތް ވަރަށް ބޮޑަށް ފާސްޓްޓްރެކް ކުރެވި ވަރަށް ބޮޑަށް އަވަސްވެގެންދާނެ،" ލުބުނާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ޑީޖޭޖޭއިން އެހީ ހޯދަމުން އަންނަ ކުޑަކުދިންނަށް ފަރުވާ ދިނުމުގައި ގިނަ ފަސޭހަތަކެއް ވެގެންދާނެކަމަށް ވެސް ލުބުނާ ވިދާޅުވިއެވެ. އަދި އެންޑީއޭގެ ފަރާތުން ޑީޖޭޖޭއިން ބޭނުންވާ ހުރިހާ ކަމެއް އެއްބަސްވުމެއްގެ ދަށުން ތަރުތީބުވެގެން ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.