ޚަބަރު

ދުންފަތުން ދުރުހެލިވުމަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރާނަން: ރައީސް


  • ޓޮބޭކޯ ސެސޭޝަން ކްލިނިކްތަކުގެ ހިންގުން މުޅިރާއްޖެ ފުޅާކުރައްވާނެކަމަށް ރައީސް ވިދާޅުވި

  • ހޭލުންތެރިކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން ގިނަ މަސައްކަތްތަކެއް ކުރެވޭނެކަން ފާހަގަކުރެއްވި

ދުންފަތުގެ ވަބާއިން ދުރުހެލިވުމަށް ބޭނުންވާ ޞިއްޙީ ފަރުވާގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރެއްވުމަށް ޚާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޖެނެރޭޝަން ބޭން ގެނައުން ހިމެނޭހެން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލް ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙުތަކާއެކު، ދުންފަތުގެ ނުރަނގަޅު ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކާ، އެކަމުން ދުރުހެލިވުމަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކޮށް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ އަމާޒެއްކަމަށެވެ. ވަކިން ޚާއްސަކޮށް ރަށްރަށުގައި ޓޮބޭކޯ ސެސޭޝަން ކްލިނިކްތަކުގެ ކަންކަން މިހާރަށްވުރެ އެތައް ގުނައެއް އިތުރުކުރެއްވުމަށް ޚާއްސަ އިސްކަމެއްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަމަށްޓަކާ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު މާލީ ވުޒާރާއިން ޞިއްޙީ ވުޒާރާއަށް ޚާއްސަ ބަޖެޓެއްވެސް މިހާރު ކަނޑައަޅުއްވާފައިވާކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި ސަރުކާރުން މިހާރު ފެށުމަށް ހަމަޖެހިފައިވާ ޖީޕީ ކްލިނިކްތަކުގެ ޚިދުމަތްތަކުގެ ތެރެއިންވެސް މިކަމަށް ބޭނުންވާ ފަރުވާގެ ކަންކަން ދެވިގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެވެއަނަސް ޕްރޮގްރާމްތައް އެތައް ގުނައެއް އިތުރުކުރެވިގެންދާނެ. ސިޓީތަކުގައި ޚާއްސަކޮށް ވަރަށް ފުޅާދާއިރާއެއްގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރަށް ދިއުމަށްޓަކާ ދެވޭ ފަރުވާ ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގޭނެ. އެހެންވީމަ ވަރަށް ގިނަ ކަންތައްތައް ރޭވިފައި ވަނީ ކުރިއަށްގެންދިއުމަށް." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ސަރުކާރުން ގެންނެވި އެންމެ މުހިންމު އެއް އިސްލާހަކީ 1 ޖެނުއަރީ 2007 އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާކުރުމެވެ.

މިކަމަށް އިޝާރާތްކުރައްވާ ރައީސް ވަނީ އަންނަ ނޮވެމްބަރުމަހުގެ އެކަކުން ފެށިގެން މި އިސްލާޙަށް ޢަމަލުކުރަން ފެށިގެންދާއިރު، ސްކޫލްތަކަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ތަންތަންކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ވަށާޖެހޭ ހައްލެއް ގެނައުންކަމަށާއި، މި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކާ ތަންފީޒީ އިދާރާތަކަށް މުހިންމު ބާރުތަކެއް ޤާނޫނުން މިހާރު ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާން ދިމާވާ ސަބަބުތައް އަދި ވަކިން ޚާއްސަކޮށް ކެންސަރުފަދަ ސިއްޙަތަށް ނުރައްކާތެރި ބޮޑެތި ބަލިތަކަށް ހުށަހެޅެން މެދުވެރިވާ މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިޢުމާލުކުރުންކަމަށްވާއިރު، މި ވަބާއިން މުޖުތަމަޢު ރައްކާތެރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި އާންމު ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުން ދެއްވުމަށް ރައީސް ޑރ. މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.