ޚަބަރު

ޣައްޒާއަށް އެހީ ވެއްދި ނަމަވެސް އެ ތަކެތި ބެހުމަށް ޔަހޫދީން ހުރަސް އަޅަނީ: އދ


ފަލަސްޠީނުގެ ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ ފުރުޞަތު ޔަހޫދީން "ނަމެއްގައި" ދީފައި އޮތް ނަމަވެސް، ޔަހޫދީ ފައުޖުން އެ ކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރަމުންދާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ. 11 ވަރަކަށް ހަފުތާއަށް ފަހު ޔަހޫދީ ފައުޖުން މި ހަފުތާގެ ތެރޭގައި ވަނީ ޣައްޒާއަށް މަދު އަދަދެއްގެ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ.

ނަމަވެސް، އެހީ ބެހުމަށް ޔަހޫދީ ފައުޖުން ކުރިމަތި ކުރަމުންދާ ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވަމުން އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ، އެ ސަހަރަށް މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރި ނަމަވެސް، ނިކަމެތި ކޮށްލާފައިވާ މީހުންނަށް އެ ތަކެތި ބެހުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން ދީފައި ނުވާ ކަމުގައެވެ. ޣައްޒާއަށް މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުއްދަކޮށްފައި މި ވަނީ، ޣައްޒާގެ 2.1 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއް ހައިހޫނުގައި ޖެހިފައިވާ ކަމުގެ އިންޒާރު އދއާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ދުޖަރީކް ވިދާޅުވީ ޔަހޫދީންގެ ހުއްދައާ އެކު ތުއްތުކުދިންގެ ކާނާ ބަރުކޮށްފައިވާ ހަތަރު ލޮރީ ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ގެންގޮސްފައިވާ ކަމުގައެވެ. އެ ތަކެތި ގެންގޮސްފައި ވަނީ ޣައްޒާގެ ކަރީމް އަބޫ ސާލިމް ސަރަޙައްދީ ހުރަސް ކައިރިއަށެވެ. ތުއްތު ކުދިންގެ ކާނާގެ އިތުރުން، ފުށާއި ބޭސް އަދި ނިއުޓްރިޝަން ސަޕްލައިގެ ސާމާނު ބަރުކޮށްފައިވާ އިތުރު ލޮރީތަކެއް ޣައްޒާއަށް އެތެރެ ކުރުމަށް ވެސް ޔަހޫދީން ވަނީ ހުއްދަ ދީފައެވެ.

"ކަރީމް އަބޫ ސާލިމް ހުރަސްކޮށް ފަލަސްޠީނަށް އެތެރެ ކުރުމަށް ފަހު، ލޮރީތަކުން އެ ތަކެތި ބޭލުމަށް އިސްރާއީލުގެ އިދާރާތަކުން [ޔަހޫދީ ސިފައިން] ވަނީ މަޖުބޫރު ކޮށްފައި. އެ ތަކެތި އަލުން ލޮރީތަކަށް ބަރު ކުރުމުގެ ފުރުޞަތު ދެނީ، އެ މީހުން [ޔަހޫދީ ފައުޖުން] އިތުރު ހުއްދަތަކެއް ދޫކުރުމަށް ފަހު،" ދުޖަރީކް ވިދާޅުވިއެވެ. "މިއަދު ވެސް އަޅުގަނޑުމެންގެ ޓީމުން އެ ހުއްދަތަކުގެ އިންތިޒާރުގައި އެތަކެއް ގަޑިއިރަކު މަޑު ކުރަން ޖެއްސި. ކަން ދިމާކުރި ގޮތުން، އެ ތަކެތި އަދިވެސް އަޅުގަނޑުމެންގެ ގުދަނަށް ގެންދެވިފައެއް ނުވޭ."

އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އދގެ އިދާރާ (އޯސީއެޗްއޭ)ން ބުނީ، ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ބަރުކޮށްފައިވާ އިތުރު 100 ލޮރީ ޣައްޒާއަށް އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން މޭ 20ވަނަ ދުވަހު ހުއްދަ ދީފައިވާ ކަމުގައެވެ. ނަމަވެސް، އެ އިދާރާގެ ވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ، އެއީ ހައިހޫނުގައި ޖައްސާފައިވާ ޣައްޒާގެ އެތަކެއް ސަތޭކަ ހާސް ރައްޔިތުންނަށް ބޭނުންވާ ކާނާގެ ވަރަށް "ކުޑަކުޑަ" މިންވަރެއް ކަމުގައެވެ. އަދި، ބަނޑަށްޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެއިން އެއްވެސް ތަސައްލީއެއް ނުލިބޭނެ ކަމުގައެވެ.

ޔަހޫދީންގެ އަމާޒަކީ ބަނޑަށްޖައްސައި ޣައްޒާގެ ރައްޔިތުން ޝަހީދު ކުރުން

ޔަހޫދީން ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު، އިންސާނީ އެހީގެ ސާމާނު ވެސް އެ ސަހަރަށް އެތެރެ ކުރުމުގެ ފުރުޞަތު ދީފައެއް ނެތެވެ. މީގެ އިތުރުން، ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުން ވެސް ޔަހޫދީ ފައުޖުން އޮތީ ހުއްޓުވާފައެވެ. މިއީ، ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމަށް ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި އދގެ އިދާރާތަކުގެ އިތުރުން އެހީދޭ ޖަމުޢިއްޔާތަކުން ވެސް ސިފަކުރެއެވެ.

ޔަހޫދީންގެ މި ޖަރީމާއާ ގުޅިގެން ޣައްޒާގެ ރައްޔިތުންގެ މެދުގައި މެލްނިއުޓްރިޝަންގެ ޞިއްޙީ މައްސަލަ ޢާންމުވަމުންދާ ކަމުގައި، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރްވާ)ން ހާމަކުރިއެވެ. އެ ކަމުގެ ނުރައްކާ އެންމެ ބޮޑީ ތުއްތުކުދިންނާއި ކުޑަކުދިންނަށެވެ. އުންރްވާގެ އޮފިޝަލުން ބުނީ، މެލްނިއުޓްރިޝަން ތަހައްމަލު ކުރަން ޖެހިފައިވާ ކުދިންގެ އަދަދު އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައެވެ.

"އޭޕްރީލާ ޖެހެން ދެން ތަފާސްހިސާބުތައް އަޅުގަނޑު އަތުގައި އެބަހުރި، އެއިން ފެންނަނީ މެލްނިއުޓްރިޝަން ޢާންމުވަމުންދާ މަންޒަރު. ކުރިއަށް އޮތް ކަންބޮޑުވުމަކީ، ކާބޯތަކެއްޗަށް އަޅާފައި އޮތް ހުރަސްތައް ދަމަހައްޓަމުން ގެންދާ ނަމަ، މެލްނިއުޓްރިޝަންގެ މައްސަލަ އެތަކެއް ގުނައަކަށް ބޮޑުވެގެންދާނެ ކަން، އަދި ކޮންޓުރޯލު ނުކުރެވޭ މިންވަރަކަށް އުފުލިގެންދާނެ ކަން،" އުންރްވާގެ ޞިއްޙަތާ ބެހޭ ޑިރެކްޓަރު އަކިހިރޮ ސެއިތާ ވިދާޅުވިއެވެ.

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެ މީހުން މިހާރު ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތާ ޙަވާލުވުމަށް އެމެރިކާއިން ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި ޖަމުޢިއްޔާއެއް އުފައްދާފައެވެ. މި ހިނގާ މޭ މަހުގެ ފަހުކޮޅު، ޣައްޒާގައި އެހީ ބެހުމުގެ ހުރިހާ މަސައްކަތާ ޙަވާލުވުމަށް އެ ޖަމުޢިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ.

އެމެރިކާއާއި ގުޅިގެން ޔަހޫދީން ރާވާފައި އޮތީ ޣައްޒާގައި ބޮޑު ހަ ކޭމްޕު ނުވަތަ ޖަލު ޤާއިމު ކުރުމަށެވެ. އަދި، ޣައްޒާގެ ހުރިހާ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ޖަލުތަކަށް މަޖުބޫރުން ބަދަލު ކުރުމަށެވެ. އެއިން ކޮންމެ ޖަލަކަށް 5,000އާއި 6,000އާ ދެމެދުގެ އަދަދެއްގެ ޢާއިލާތައް ބަދަލު ކުރުމަށް ޔަހޫދީން އޮތީ ރާވާފައެވެ. އެ ޖަލުތަކުގެ ކޮންޓުރޯލު އޮންނާނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންގެ ކިބައިގައެވެ. އަދި، ޣައްޒާގައި އެކި ސަރަޙައްދުތަކުގައި އެހީ ބެހުމަށް ޚާއްޞަ ކޮށްފައިވާ މަރުކަޒުތަކެއް ޔަހޫދީ ފައުޖުން ޤާއިމު ކުރާނެއެވެ. އެ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތި ކުރުމަށް ނިންމާފައި އޮތީ އެމެރިކާގެ ދެ ކުންފުންޏަކާއެވެ.