ޚަބަރު

ޣައްޒާއިން ހާހެއްހާ މީހުން ނިކުތުމުގެ ފުރުޞަތު ދީފައިވާ ކަން ހާމަވެއްޖެ


ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށް ބިކަކޮށްލާފައިވާ 2.1 މިލިޔަނެއްހާ މީހުންގެ ތެރެއިން 1,000އެއްހާ މީހުންނަށް އެ ސަހަރު ދޫކޮށް ވިލާތުގެ ޤައުމުތަކަށް ދަތުރު ކުރުމުގެ ފުރުޞަތު ޔަހޫދީން ދީފައިވާ ކަން ހާމަވެއްޖެއެވެ. އެ ހާހެއްހާ މީހުންނަށް ޣައްޒާއިން ބޭރަށް ދަތުރު ކުރުމުގެ ފުރުޞަތު ދީފައި މި ވަނީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. އެ މީހުން ދަތުރު ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތް ހިމެނެއެވެ.

ޣައްޒާއިން ބޭރަށް ދަތުރު ކުރުމުގެ ފުރުޞަތު ދީފައިވާ އެކަކަކީ ޢާޔަދު އައްޔޫބެވެ. އޭނާއާއި އޭނާގެ ޢާއިލާ ދަތުރު ކޮށްފައި ވަނީ ފަރަންސޭސިވިލާތަށެވެ. ޣައްޒާ ދޫކޮށް ފަރަންސޭސިވިލާތަށް ދަތުރު ކުރުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން އައްޔޫބަށް ދީފައި ވަނީ ފަރަންސޭސިވިލާތުގެ ސަރުކާރުގެ އެދުމެއްގެ މަތިންނެވެ. އައްޔޫބަކީ ފަރަންސޭސިވިލާތުގެ ޔަނިވަރސިޓީއަކުން ފެލޯޝިޕެއް ނުވަތަ ވަޒީފާއެއް ލިބިފައިވާ މީހެކެވެ. އޭނާއާ އެކު އޭނާގެ އަންހެނުންނާއި ހަތަރު ދަރިން ވެސް ވަނީ ޣައްޒާ ދޫކޮށް ފަރަންސޭސިވިލާތަށް ދަތުރު ކޮށްފައެވެ.

އައްޔޫބު ފަދައިން ޣައްޒާއިން ބޭރަށް ދަތުރު ކުރުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން ދީފައިވާ ހާހެއްހާ މީހުންގެ ތެރޭގައި ހިމެނެނީ، ބޭރު ޤައުމުތަކުގެ މަތީ ތަޢުލީމުދޭ އިދާރާތަކުން ފެލޯޝިޕާއި ސްކޮލަރޝިޕް ފަދަ ފުރުޞަތުތައް ދީފައިވާ މީހުންނެވެ. އަދި، އެހެން ޤައުމުތަކުގެ ރައްޔިތުކަން ދީފައިވާ ފަލަސްޠީނުގެ ރައްޔިތުންނެވެ. އެ އެންމެންނަށް ވެސް ޣައްޒާއިން ބޭރުވުމުގެ ފުރުޞަތު ދީފައި ވަނީ މި އަހަރުގެ ތެރޭގައި ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

"ޣައްޒާގައި ދިރިއުޅުމުގެ ހާލަތު އޮތީ ކެތްކުރެވޭ ފަދަ ހާލަތެއްގައެއް ނޫން،" 57 އަހަރުގެ އައްޔޫބް ބުންޏެވެ. އޭނާއަކީ ފަރަންސޭސިވިލާތުގެ ޔުނިވަރސިޓީއެއްގައި ދާއިރާއިން ޑޮކްޓަރޭޓު ކަމާއި މާސްޓަރސް ޑިގްރީ ހާސިލު ކޮށްފައިވާ އިންޖިނޭރެކެވެ. އޭނާއާ އެކު ޣައްޒާގެ 115 ރައްޔިތުން ފަރަންސޭސިވިލާތަށް ދަތުރު ކުރުމުގެ ފުރުޞަތު އެ ޤައުމުން ދީފައިވެއެވެ. ކަމުގެ މަޢުލޫމާތު ލިބިފައިވާ މަޞްދަރުތަކުން ބުނީ، ޣައްޒާގެ ރައްޔިތުންނަށް އެ ސަހަރު ދޫކޮށް ބޭރު ޤައުމުތަކަށް ދަތުރު ކުރުމުގެ ފުރުޞަތު ޒަޔަނިސްޓު އިސްރާއީލުން މި ވަގުތު ދެނީ، އެ ކަމަށް އެދި ބޭރު ޤައުމުތަކުން ހުށަހެޅުމުން ކަމުގައެވެ. ނަމަވެސް، މި ކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ޔަހޫދީ ސަރުކާރުން ހާމަކޮށްފައެއް ނެތެވެ.

ފަރަންސޭސިވިލާތަށް 115 މީހުން ދަތުރު ކޮށްފައިވޭ

ޣައްޒާގެ މަދު އަދަދެއްގެ ރައްޔިތުން އެ ސަހަރު ދޫކޮށް ބޭރު ޤައުމުތަކަށް ހިޖުރަ ކުރުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން ދީފައި މި ވަނީ، ޣައްޒާގެ ހުރިހާ ރައްޔިތުން އެ މީހުންގެ އަމިއްލަ ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމަށް ޔަހޫދީން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ ހުރިހާ ރައްޔިތުން އެ ސަހަރުގެ ދެކުނުގައި ޤާއިމު ކުރުމަށް ހަމަޖައްސާފައިވާ ހަ ކޭމްޕަކަށް ނުވަތަ ބޮޑު ޖަލުތަކަކަށް މަޖުބޫރުން ބަދަލު ކުރުމަށް ޔަހޫދީން އޮތީ ރާވާފައެވެ.

އެ ގޮތަށް ރާވާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރިހަމަ ތާޢީދާއި އެއްބާރުލުމާ އެކުގައެވެ. ޣައްޒާއަކީ އެމެރިކާގެ މިލްކަކަށް ހެދުމަކީ ޓްރަމްޕްގެ ތަސައްވުރެކެވެ. ޓްރަމްޕް ބޭނުން ވަނީ ޣައްޒާގެ ރައްޔިތުން ގަދަބާރުން އެހެން ޤައުމުތަކަށް ބަދަލުކޮށް، އެ ސަހަރު ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށެވެ. އަދި، އެ ތަނުގައި މަތީ-ފަންތީގެ ރިސޯޓުތައް ބިނާކޮށް، ފަތުރުވެރިކަމުގެ މަންފާ ހޯދުމަށެވެ. ނަމަވެސް، ޣައްޒާއިން ހާހެއްހާ މީހުން ބޭރުވުމުގެ ފުރުޞަތު ދީފައި މި ވަނީ އެ ރޭވުމުގެ ދަށުން ކަން ސާފެއް ނޫނެވެ.

އައްޔޫބާ އެކު 115 މީހަކަށް ޣައްޒާ ދޫކޮށް ފަރަންސޭސިވިލާތަށް ހިޖުރަ ކުރުމުގެ ފުރުޞަތު އެ ޤައުމުން ދީފައިވީ ނަމަވެސް، ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމާ ފަރަންސޭސިވިލާތުން ދެކޮޅު ކަމުގައި އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ބިމަށް ވެރިވެގަތުމަކީ ނަސްލެއް ނައްތައިލުމާ އެއް ފަދަ ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ސިފަ ކުރައްވާފައެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން މާރިޗު 2ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. އަދި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި، އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުން ހުއްޓުވާފައެވެ. މިއީ، ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމަށް ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި އދގެ އިދާރާތަކުގެ އިތުރުން ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވަނީ ސިފަ ކޮށްފައެވެ.

އެއް ހަފުތާއިން 464 މީހުން ޝަހީދުކޮށްލުން

މޭ 16ވަނަ ދުވަހަށް ފަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް އިތުރަށް ވަރުގަދަކޮށް ފުޅާކޮށްފައެވެ. 'ގިޑިޔަންސް ޗެރިއަޓްސް'ގެ ނަމުގައި ފަށާފައިވާ މި ޢުދުވާނުގެ މަޤުޞަދަކީ ޣައްޒާ ފަޅުކޮށް، އެ ސަހަރުގެ އުތުރާއި ދެކުނުން އިތުރު ބިންތައް ފޭރިގަތުމެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދީފައިވާ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 464އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,272އަށް އުފުލިފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާއިރު، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާ ކަމުގައެވެ. އަދި، ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 120,673އަށް އަރައެވެ.

ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުން ޔަހޫދީން ވަނީ ޢުދުވާން ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. ނަމަވެސް، އެކަން އެ ގޮތަށް ދެމިއޮތީ ދެ މަސްދުވަހަށެވެ. މާރިޗު 2ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ފުރަބަންދު އިތުރަށް ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. އަދި، މާރިޗު 18ވަނަ ދުވަހު އަލުން ޢުދުވާނީ ޙަމަލާތައް ފަށާފައެވެ. އެއަށްފަހު ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 3,000އަށްވުރެ މައްޗަށް އަރައެވެ.