ޚަބަރު

އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރާނެގޮތް ދަސްކޮށްދިނުމަށް ކުޑަފަރީގައި ތަމްރީން ޕްރޮގްރާމެއް


  • މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދަނީ މަސްވެރިކަމާއި ބެހޭ ވުޒާރާއިން

  • 15 މީހުން ވަނީ ބައިވެރިވެފައި

އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް، ނ. ކުޑަފަރިގައި ފަށައިފިއެވެ. މި ތަމްރީން ކުރިއަށްގެންދަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިންނެވެ.

މި ތަމްރީން ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަދި ތަމްރީން ޕްރޮގްރާމް މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 15 މީހުން ވަނީ ބައިވެރިވެއެވެ. އެއީ 14 އަންހެނުންނާއި ފިރިހެނެކެވެ.

މި ތަމްރީނުގައި މަހުން ތައްޔާރުކުރާ އަގުއެއްކުރި ބާވަތްތަކާއި ގުޅޭ މަޢުލޫމާތުދީ އަދި އަމަލީގޮތުން އެތަކެތި ބައިވެރިން ތައްޔާރުކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ވިޔަފާރީގެ އުޞުލޫން މިފަދަ މަސައްކަތެއްކުރުމަށް ބޭނުންވާ މަޢުލޫމާތާއި ބައެއް ހުނަރު ބައިވެރިންނަށް ދަސްކޮށްދޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ތަމްރީނު ޕްރޮގްރާމް ގައި މަޢުލޫމާތު ދެއްވަނީ މަސްވެރިކަމާ ބެހޭ މިވުޒާރާގެ ފަންނީ 2 މުވައްޒަފުންނެވެ. އަގުއެއްކުރި މަހުގެ އުފެއްދުންތައް ތައްޔާރުކުރާނެ ގޮތް ދަސްކޮށްދިނުމަށް އެ ވުޒާރާއިން އަންނަނީ އެކި ރަށްރަށުގައި މިފަދަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދަމުންނެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް އަގު އެއްކުރި މަހުގެ ގޮތުގައި އެކްސްޕޯޓްކުރުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.