ޚަބަރު

ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ


  • ދެ މީހެއްގެ ފޯނު ފޭރިގެންފައިވޭ

  • ފުލުހުން ދަނީ މައްސަލަ ބަލަމުން

ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މާރާމާރީ ހިންގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 11ވަނަ ޓަވަރު ކައިރީގައި ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:51 ހާއިރުއެވެ.

މި މާރާމާރީގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު ދެވަނަ މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މާރާމާރީ ހިންގި މީހުން ދެ ފޯނެއް ފޭރިގެންފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މާރާމާރީގައި އަނިޔާ ލިބުނު މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

މި މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކުރައްވާފައި ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.