ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މި އަހަރު 141 ބޭފުޅުން ފޯމު ހުށަހަޅުއްވާފައިވާ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވިދާޅުވެއްޖެއެވެ.
ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށް ދޭ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވީ، މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހުއެވެ. އެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ވަޒީފާގެ ލިޔުންތައް ބަލައި، އިންޓަވިއުއަށް ޝަރުޠުހަމަވާ ބޭފުޅުން ކަނޑައަޅުއްވާފައިވާ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވިދާޅުވެއެވެ. އަދި މިހާރު އިންޓަވިއު މަރުހަލާ ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު، ޤާބިލްކަމާއި، އިޚްލާޞްތެރިކަމާ އެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއަކަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވުމުގެ ޖަލްސާ، މި އަހަރު އޮންނާނީ، މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ.