ޚަބަރު

ޣައްޒާ ޢުދުވާން ފުޅާ ކުރުމަށް ފަހު ކާބޯތަކެތި އެތެރެ ކޮށްދޭނެ ކަމަށް ޔަހޫދީން ބުނެފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު އިތުރަށް ފުޅާ ކުރުމަށް ފަހު، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދޭނެ ކަމުގައި ޔަހޫދީން ބުނެފިއެވެ. ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެއަށްފަހު، ޣައްޒާއަށް އެއްވެސް ވަރަކަށް ކާބޯތަކެތި އެތެރެ ކޮށްފައެއް ނުވެއެވެ. އަދި، މި ޖަރީމާއާ ގުޅިގެން ޣައްޒާގައި ހާލުގައި ޖައްސައި، ނިކަމެތި ކޮށްލާފައިވާ އެތަކެއް ހާސް ބަޔަކު ވަނީ ހައިހޫނުގައި ޖެހިފައެވެ.

ޣައްޒާއަށް މަދު އަދަދަކަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދޭން ނިންމާފައިވާ ކަމުގައި ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ، ޣައްޒާގެ ޢުދުވާން އިތުރަށް ފުޅާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އިތުރު ބިންތައް ފޭރިގަތުމަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން މިހާރު ދަނީ އެ ސަހަރުގެ އުތުރާއި ދެކުނުގެ ސަރަޙައްދުތަކުގައި ޢުދުވާން ހިންގަމުންނެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ޢުދުވާނުގެ ދަށުން ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ނުރައްކާތެރި އަދި ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 140އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 464 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.

ޣައްޒާއަށް މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަން ޒަޔަނިސްޓުންގެ ސަރުކާރުން ކަށަވަރު ކޮށްދީފައިވާ ކަމުގައި، އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާ (އޯސީއެޗްއޭ)ގެ ވެރިޔާ ޓޮމް ފްލެޗަރގެ ތަރުޖަމާނު އެރީ ކާނޭކޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އެ އިދާރާއާއި ޔަހޫދީންނާ ދެމެދު މަޝްވަރާތައް ފަށާފައިވާ ކަމުގައެވެ.

ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދޭނެ ކަމުގައި ޔަހޫދީން ހާމަކޮށްފައި މި ވަނީ، ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޔަހޫދީންނާއި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ ދެމެދު ނުރަސްމީ މަޝްވަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ މަޝްވަރާތަކުގައި މެދުވެރިންގެ ގޮތުގައި ބައިވެރިވަނީ މިޞްރާއި ޤަޠަރުންނެވެ. އެންމެ ފަހުން ޤަޠަރުގެ ދަވްޙާގައި ބޭއްވި މަޝްވަރާތަކުގައި އެއްވެސް ކުރިއެރުންތަކެއް ހޯދިފައި ނުވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.

ޙަމާސްގެ އިސް އޮފިޝަލަކު ބުނީ، މަޝްވަރާތަކުގައި ގޮތް ދޫކުރުމަށް ޔަހޫދީން ދެކޮޅު ހަދަމުންދާ ކަމުގައެވެ. އަދި، ޢުދުވާން ހުއްޓައިލުމަށް އިންކާރު ކުރަމުންދާ ކަމުގައެވެ. މީގެ އިތުރުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން އެއްވެސް ޝަރުޠަކާ ނުލައި މިނިވަން ކުރުމަށް ވެސް ޔަހޫދީން ބާރުއަޅަމުންދާ ކަމުގައެވެ. ނަމަވެސް، ޙަމާސުން ހުށަހަޅާފައި ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް އެއްބަސްވުމުން ހުރިހާ އަސީރުން މިނިވަން ކުރުމަށެވެ. އަދި، ޣައްޒާގެ ފުރަބަންދު އުވައިލައި، ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ ޖަރީމާތަކަށް ހުށަހަޅާފައިވާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރުމަށެވެ.