ރަޝިޔާ އާއި ޔޫކްރެއިނުން މީގެ ތިން އަހަރު ކުރިން ފެށި ހަނގުރާމައަށްފަހު، މިހާތަނަށް ރަޝިޔާއިން ދިން އެންމެ ވަރުގަދަ ޑްރޯން ޙަމަލާތަކުގައި، ޔޫކްރެއިނުގެ ވެރިރަށް ކިޔޭވްގައި އަންހެނަކު މަރުވެފައިވާކަމަށް ޔޫކްރެއިނުން ބުނެފިއެވެ.
މިއަދު ހެނދުނު 8:00 ހާއިރު، ކިޔޭވްގެ އިތުރުން ޔޫކްރޭނުގެ އިރުން އޮންނަ ދެ ސަރަޙައްދަކަށް ރަޝިޔާއިން ފެށި ޙަމަލާތަކުގައި 273 ޑްރޯން ބޭނުންކޮށްފައިވާކަމަށް ޔޫކްރެއިނުގެ ވައިގެ ސިފައިން ބުންޏެވެ.
މިއީ މި ހަނގުރާމަ ފެށުނު ފަހުން، ޔޫކްރެއިނަށް ޙަމަލާދޭން ރަޝިޔާއިން އެންމެ ގިނަ އަދަދަކަށް ޑްރޯން ބޭނުންކުރި ފަހަރެވެ. މިގޮތުން، މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު، ޔޫކްރެއިނަށް ޙަމަލާދޭން ރަޝިޔާއިން ބޭނުންކޮށްފައިވަނީ 267 ޑްރޯނެވެ.
ތިން އަހަރުގެ މެދުކެނޑުމަކަށްފަހު، މިދިޔަ ހަފްތާ ބަންދުގައި ރަޝިޔާ އާއި ޔޫކްރެއިނުން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމާގުޅޭ ގޮތުން ސީދާ މަޝްވަރާތައް ބާއްވައިފައެވެ. ނަމަވެސް، ތުރުކީގައި ބޭއްވި މަޝްވަރާތަކުގައި 1،000 އަސީރުން ބަދަލުކުރަން އެއްބަސްވުން ފިޔަވައި، ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
އެއާއެކު، މި ހަނގުރާމަ ނިމުމަކަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ރަޝިޔާގެ ރައީސް ވްލެޑިމީރު ޕޫޓިން އާއި ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ އާ ފޯނުން ގުޅުއްވައި، މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ޔޫކްރެއިނުގެ ވައިގެ ސިފައިން ބުނީ، ރަޝިޔާއިން މިއަދު ދިން ޑްރޯން ޙަމަލާތަކުގައި އުމުރުން 28 އަންހެނަކު އިތުރު ތިން މީހަކު ޒަޚަމްވެފައިވާއިރު، އޭގެތެރޭގައި ހަތަރު އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.
މި ޙަމަލާތަކުގައި ރަޝިޔާއިން ބޭނުންކުރި ޑްރޯންތަކުގެ ތެރެއިން 88 ޑްރޯން ވައިގެ ދިފާޢީ ނިޒާމުން ވައްޓާލާފައިވާ ކަމަށްވެސް ޔޫކްރެއިނުގެ ވައިގެ ސިފައިން ބުނެފައިވެއެވެ.
2014ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ ޔުކްރެއިނުގެ ކްރީމިއާ އިސްތިޢުމާރު ކޮށްފައެވެ. ގިނަ އަހަރުތަކެއް ވަންދެން ނުތަނަވަސްކަން އޮތުމަށް ފަަހު 2022ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ޕުޓިން ވަނީ ޔޫކްރެއިންގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަ ދައްކާ މީހުންގެ ދިފާޢުގައި ހިންގާ ޚާއްޞަ އޮޕަރޭޝަނެއް ކަމަށް ވިދާޅުވެ އެ ޤައުމުގެ އަސްކަރީ ފައުޖު ޔޫކްރެއިނަށް ފޮނުއްވާފައެވެ. އޭގެ އިތުރުން ނޭޓޯގެ މެންބަރު ޤައުމަކަށް ވުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތަކީ ރަޝިޔާއަށް އޮތް ނުރައްކަލެއް ކަމަށް ވެސް ޕުޓިން ދިޔައީ ވިދާޅުވަމުންނެވެ. މި ހަމަނުޖެހުންތައް ބަދަލުވެގެން ގޮސްފައި މި ވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގައި ހިންގާ އެންމެ ބޮޑު ހަނގުރާމައަށެވެ. ޔުކްރެއިންގެ 20 އިންސައްތަ މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.