ހުޅުމާލޭގައި ސިޓީ ހޮޓެލް ތަރައްޤީކުރުމަށް އެސްޓީއޯއަށް ދިން ބިމުގެ ބަދަލުގައި އެކުންފުންޏަށް ފޭސް 3 އިން ސާޅީސް ހާސް އަކަފޫޓުގެ ބިމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުންވަނީ ސީޓީ ހޮޓެލް ތަރައްޤީކުރުމަށް ދީފައިވާ ބިމުގެ ބަދަލުގައި ސެޓްލަމަންޓު އެގްރީމަންޓެއްގެ ދަށުން އިތުރު ދެބިން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ދިނުމަށްވަނީ ނިންމަވާފައެވެ.
އެސް.ޓީ.އޯއިން ހުޅުމާލޭގައި ހަދާފައިވާ ހޮޓަލަކީ ރެޑިސަން ބްލޫއާއެކު އެސް.ޓީ.އޯއިން ޤާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ތަރައްޤީކުރަމުންދިޔަ ހޮޓަލެކެވެ. މިއީ 250 ކޮޓަރީގެ 5 ތަރީގެ ހޮޓަލެކެވެ. މިތަން ހުންނަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ.
ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އެސް.ޓީ.އޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ވިޔަފާރީތައް ކުރުމާއި އިތުރު އެސެޓްތައް ގަތުމާއި އެސްޓީއޯއާ ނުގުޅޭ ބައެއް ވިޔަފާރީތައް ދޫކޮށްލުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ހަދާފައިވާ ހޮޓަލާއި ގުޅިގެން އެޗް.ޑީ.ސީއާއެކު އެއްބަސްވުމެއް ހަދާފައިވާކަމަށާއި މިހާރި އެ ބިން އެޗް.ޑީ.ސީއަށް ހަވާލުކޮށްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝިމާދު ވިދާޅުވީ، ބިން އެސްޓީއޯއަށް ލިބުނު ކަމުގެ ސިޓީ ލިބިފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަނީ ބިމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެ ބިން އެސްޓީއޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ.
"ކުރިއަށް އޮތް ހަފްތާއެއް ނޫނީ ދެތިން ހަފްތާ ތެރޭ އަޅުގަނޑުމެންނަށް އެކަން ހާސިލް ވެގެންދާނެ،" މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވިއެވެ.
އެ ބިމުގެ ބޮޑުމިނާ ގުޅޭ ގޮތުން ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިމާދު ވިދާޅުވީ ފޭސް 3 އިން އެ ކުންފުންޏަށް ލިބެނީ 40،000 އަކަފޫޓަށް ވުރެ ކުޑަ ނޫން ބިމެއް ކަމަށެވެ.
ޑޮލަރުން ލިބޭ އާމްދަނީ އިތުރު ކުރުމުގެ އަމާޒުގައި، ޓޫރިޒަމް ދާއިރާއަށް ވަންނަން ނިންމައި، ހުޅުމާލޭގައި ހޮޓަލެއް ތަރައްޤީކުރަން އެ ކުންފުނިން ނިންމީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.
އެއާއެކު "ރެޑިސަން ހުޅުމާލެ މޯލްޑިވްސް" ގެ ނަމުގައި އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެން 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓާ ތަރައްޤީކުރަން ފެށީ 2011 ވަނަ އަހަރުއެވެ. ނަމަވެސް، އޭގެ ފަހުން އެތަނުގެ މަސައްކަތް ހުއްޓި، އެކި ފަހަރު މަތިން އެތަން ވިއްކާލަން ކުރި މަސައްކަތް ނާކާމިޔާބުވެ ކުންފުންޏަށް ދިޔައީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.
މީގެ އިތުރުން، މި އިމާރާތުގެ ބައެއް ފަންގިފިލާތައް ސަރުކާރުން ވަނީ ނަގާފައެވެ. އަދި އެތަނުގެ ބައެއް ފަންގިފިލާތައް މީޑިއާ ވިލެޖަށް ޚާއްސަކޮށްފައިވާއިރު ހަމަޖެހޭ އުސޫލަކުން މީޑިއާތަކަށް ވަރަށް ކުޑަ އަގެއްގައި އޮފީސް ހިންގަން އެއިމާރާތުން ޖާގަ ދޫކުރައްވާނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.