ކ. އަތޮޅުގެ 3 ރަށެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓީނގް ކޮމްޕެނީ އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާ ސައިޓުތަކަށް އެކުންފުނީގެ ޓީމެއް ޒިޔާރަތްކޮށްފިއެވެ. އެރަށްތަކަކީ ކ.ތުލުސްދޫ، ހުރާ އަދިި ހިންމަފުށްޓެވެ.
ކ. ތުުސްދޫގައި ފެށުމަށް ތައްޔާރުވެފައިވާ ޕޮލިސް ސްޓޭޝަންގެ މަސައްކަތާއި، ޕޮލިސް އެކޮމޮޑޭޝަން ސަައިޓު އަދި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށްޓަކައި އެމްޓީސީސީން ވަނީ ތައްޔާރުވެފައެވެ. އެމަޝްރޫޢުތަކާއި ގުޅޭގޮތުން އެކުންފުނިން ވަނީ އެރަށު ކައުންސިލާ ބައްދަލުކުރައްވާ މަޝްވަރާކޮށްފައެވެ.
ތުލުސްދޫގައި ފެށުމަށް ތައްޔާރުވެފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ، މަނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ ރިޓަޔަރޑް އަޙްމަދު ސަޢުދީ ވިދާޅުވީ، އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް މިމަހު ފެށިގެންދާނެކަމަށެވެ.
"މި ދަތުރުގެ މަޤްސަދަކީ މިރަށު ކައުންސިލާއި އެމްޕީއާ ވެސް އެއްކޮށް މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް މޭއި މަސް ނިމުމުގެ ކުރިން މިރަށުގަ މަސައްކަތް ފެށުމަށް". އެމްޓީސީސީގެ މަނޭޖިންގް ޑިރެކްޓަރ ޑީ.ސީ.ޕީ ރިޓަޔަރޑް އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.
ކ. ހުރާގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަލުވި ކަމާއިއެކު ކުރިއަށްދާކަމަށާއި، މިހާރުވަނީ އެ މަޝްރޫޢުގެ ބޮޑުބައި ނިމިފައިކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ހުރާ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަަރުތެރޭ ނިމިގެންދާނެކަމަށް އެމްޓީސީސީގެ ސަޢުދީ ވިދާޅުވިއެވެ.
"މި ޕްރޮޖެކްޓްގެ މިހާރު ނިންމަން ބޭނުންވާ، އަޅުގަނޑުމެން، އަމާޒުހިފާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރަށް މި ޕްރޮޖެކްޓް ނިންމަން، ސެޕްޓެމްބަރަށް މި ޕްރޮޖެކްޓް ނިންމަންޏާ އެންމެ ބޮޑަށް ބޭނުންވާނީ ބޮޑު ހިލަ. ބޮޑުހިލައިގެ 12000 ޓަނުގެ ބޮޑުހިލަ މިރަށަށް ގެނައުމުގެ މަސައްކަތް ކުރަމުން އަޅުގަނޑުމެން މިދަނީ" ސަޢުދީ ވިދާޅުވިއެވެ.
ކ.ހުރާ ބަނަދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓްމަހުގައެވެ.
ކ.ހިންމަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެތެރެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސްވިމިންގް އޭރިއާގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަޝްރޫޢަކީވެސް އެރަށުގެ ރައްޔިތުންނަށް ވަރަށް ބޭނުންތެރި މަޝްރޫޢެއްކަން އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ.
މީގެއިތުރުން، އެރަށު ފުޓްބޯޅަދަނޑުގެ ލައިޓް ޖެހުމުގެ މަސައްކަތާއި ފާރުރޭނުމުގެ މަސައްކަތުގެ އިތުރުންވެސް ހިންމަފުށީގައި އެމްޓީސީސީން ކުރިއަށްގެންދާ ހުރިހާ މަޝްރޫއެއް މިއަހަރުތެރޭ ނިމިގެންދާނެކަމުގެ ޔަގީންކަން މެނޭޖިންގ ޑިރެކްޓަރ ސަޢުދީ ވަނީ ދެއްވާފައެވެ.
އެމްޓީސީސީއަކީ ސަރުކާރުން އަތޮޅުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި އެންމެ މުހިންމު އެއް ހިއްސާދާރެއެވެ. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީން ދަނީ ތަފާތު އެކި މަޝްރޫއުތައް ހިންގަމުންނެވެ. މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް ރައްޔިތުންނާއި ގުޅުން ހުރި އުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަކީ އެމްޓީސީސީގެ އަމާޒެވެ.