ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެ ޤައުމުގެ ކުޅިވަރާއި ބެހޭ ވަޒީރުން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިޔަށް ގެންދެވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް ސުނިލް ކުމާރަ ގަމަގެ އާއި ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުالله ރާފިއު އަދި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ އެކްޓިން ހައިކޮމިޝަނަރ ތިމުތު ސަންޖިކާ ޑިސަނަޔަކެ އާއި 3 ބޭފުޅުން އެކުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.
ސްރީލަންކާގެ މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް ސުނިލް ކުމާރަ ގަމަގެ އާއި އެކްޓިން ހައިކޮމިޝަނަރ ތިމުތު ސަންޖިކާ ޑިސަނަޔަކެ ކުޅިވަރު ވަޒީރާއި ބައްދަލުކުރައްވާފައިވަނީ ހޮނިހިރު ދުވަހު ކުޅިވަރު ވުޒާރާގައެވެ.
މި ބައްދަލުވުމުގައި ލަންކާ އާއި ރާއްޖެއިން ގުޅިގެން އެތުލީޓް އެކްސްޗޭންޖް ޕްރޮގްރާމު ކުރިޔަށް ގެންދެވިދާނެ ގޮތްތަކާއި ޓްރޭނިންގ ފުރުސަތުތައް ފަހިކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
އަދި ރާއްޖޭގައި އެކި ދާއިރާތަކުން ކުޅިވަރު ކުރިއެރުވުމަށް ލަންކާގެ އެހީތެރިކަމާއިއެކު ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުންވެސް ދެގައުމުގެ ކުޅިވަރު ވަޒީރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އަވަށްޓެރި ސްރީލަންކާއަކީ ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން ދޭ ގައުމެކެވެ. އެގޮތުން ރާއްޖޭގެ އެތުލީޓުންނަށް ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި ދިގު މުއްދަތު ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރެވޭނެ ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ގައުމެކެވެ.
އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ލަންކާގެ ތަޖުރިބާކާރުން ކޯޗުން ދިވެހި އެތްލީޓުންނަށް ތަމްރީނުދީ ފެންވަރު މަތިކުރުމަށް އެހީތެރިވެދޭކަން ފާހަގަ ކުރެއެވެ. އެގޮތުން ބައެއް އެކަޑަމީތަކުގައި ތަމްރީނުދޭ ކޯޗުންނަކީ ސްރީލަންކާގެ ކޯޗުންކަން ފާހަގަކުރެއެވެ.