ޚަބަރު

ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ 1 ވަނަ އައިޝަތު ބިންތު އިބްރާހީމް ރަޝީދު ހަސަންއަށް


  • މުބާރާތުގައި ތިން އުމުރުފުރާއަކުން ކުދިން ބައިވެރިވެފައިވޭ

  • ކޮންމެ އުމުރުފާރާއަކުން ވަނަތައް ހޮވާ މުޅި މުބާރާތުން ގަދަ ތިނެއް ވަނީ ހޯވާފައި

  • 1 ވަނައަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވޭ

ޕީއެސްއެމްއިން މިއަހަރު ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ އެއްވަނަ އައިޝަތު ބިންތު އިބްރާހީމް ރަޝީދު ހަސަން ހޯދައިފިއެވެ.

ގުރުއާން މުބާރާތުގެ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ.

973 ކުދިން ބައިވެރިވި ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތް 1446 ކުރިއަށް ގެންގޮސްފައިވަނީ، 3 އުމުރުފުރާއަކަށް ބަހާލައިގެނެވެ. މުބާރާތުގެ ނަތީޖާ އިއުލާންކުރުމަށް ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ.

މި ރަސްމިއްޔާތުގައި ޤުރުއާން ކިޔެވުމުގެ މުބާރާތުން ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ، ތިންވަނަ އަދި މުޅި މުބާރާތުގެ އެއްވަނަ ދެވަނަ ތިންވަނައަށް ހޮވުނު ކުދިންނަށް ހަނދާނީ ލިއުމާއި ޓްރޮފީއާއި އިނާމު ވަނީ ހަވާލުކޮށްފައެވެ.

މުޅި މުބާރާތުން އެއްވަނައަށް ހޮވިފައިވަނީ، ހދ. ކުޅުދުއްފުށީ ޝަބްނަމީގެ، އައިޝަތު ބިންތު އިބްރާހީމް ރަޝީދު ހަސަން އެވެ. އޭނާ ވަނީ މުޅި މުބާރާތުގެ އެއްވަނަ ހޯދުމުގެ އިތުރުން އޭނާ ކިޔެވި އުމުރުފުރާ ކަމަށްވާ، 7 އަހަރާއި 10 އަހަރުގެ އުމުރުފުރާއިންވެސް 1 ވަނަ ހޯދާފައެވެ. އެއްވަނަ ހޮވުނު އައިޝަތު ބިންތު އިބްރާހީމް ރަޝީދު ހަސަންއަށް ކުއްޖާއަށް ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން 15،000ރ ގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މުބާރާތުގެ ދެވަނައަށް ގޮސްފައިވަނީ ގ.އަލިއާބާދު، މިޝްޔާ ބިންތު ހަސަން ސަލާހު އެވެ. މުބާރާތުގެ ދެވަނައިގެ އިތުރުން 10 އަހަރާއި 12 އަހަރާއި ދެމެދު އުމުރުފުރާއިން އޭނާ ވަނީ 1 ވަނަ ހޯދާފައެވެ. މިޝްޔާއަށް ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން 10،000ރ ގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މުޅި މުބާރާތުގެ 3 ވަނަ ހޯދާފައިވަނީ 10 އަހަރާއި 12 އަހަރާއި ދެމެދު އުމުރުފުރާއިން 2 ވަނަ ހޯދި، ވ.ޅަސަނދު، މުޙައްމަދު މަޢާން ބިން މުންތަޒިމްއެވެ. އޭނާއަށް ހަނދާނީ ލިޔުމާއި ޓްެރޮފީގެ އިތުރުން 7،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވާހަކަ ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ޤުރުއާން މުބާރާތްތައް ބޭއްވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި މީގެ އެތައް އަހަރެއް ކުރީއްސުރެ، ރާއްޖޭގައި ޤުރުއާން މުބާރާތްތައް ބާއްވަން ފަށާފައިވާއިރު، މިހާހިސާބަށްވެސް އެކަމަށް އޮންނަ ލޯތްބާއި ޝައުޤުވެރިކަން ފަނޑުނުވެ މިފަދަ މުބާރާތްތަކުގައި ބައިވެރިވުން އިތުރުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދުކުރަނީ މިއަދު ޤުރުއާން މުބާރާތުގައި ބައިވެރިވާ ތިޔަ ތުއްތު ކުދިންނާއި، ރާއްޖޭގެ ޒުވާން ޖީލުތަކުގެ ބޭފުޅުންވެސް، ޤުރުއާން ކިޔެވުމަކީ މުބާރާތަކަށްވާ ތައްޔާރީއެއްގެ ބަދަލުގައި ހަމަ ހުރިހާ ބޭފުޅުން ޤުރުއާން ކިޔެވުމަކީ ދިރިއުޅުމުގެ ބައެއްކަމުގައި ހެއްދެވުމަށް އިލްތިމާސްކުރަން. މިއީ ވަރަށް މުހިންމު ކަމެއް، ހާއްސަކޮށް ތުއްތު ކުދިން ޤުރުއާން މުބާރާތަކަށް ތައްޔާރުވެގެންދާއިރު އެ އާދަ އަށަގެންނެވުމަށް ޓަކައި، އަބަދުވެސް ކުރާ ކަމެއްގެ ގޮތުގައި ހެދިއްޖެއިއްޔާ އެކުދިންގެ ތަރުބަވީ ހަޔާތައް ވަރަށް ބޮޑެތި ފައިދާތަކެއް ކުރަމުންދާނެ" ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމީން ވިދާޅުވީ މިމަސައްކަތަކީ ރޭޑިއޯ އަދި ޓީ ޕްރޮޑަކްޝަން ގުޅިގެން ހާއްސަ އިސްކަމެއް ދެވިގެން ވަރަށް ޝައުޤުވެރިކަމާއެކު ކުރިއަށް ގެންދެވުނު މަސައްކަތެއްކަމަށެވެ. އަދި މިމުބާރާތް މާލޭގައި ބޭއްވުނު ކަމުގައިވިއަސް އަތޮޅުތަކުން ގިނަ އަދަދަކަށް ކުދިން މުބާރާތުގައި ބައިވެރިވިކަން ޔާމީން ފާހަގަކުރެއްވިއެވެ.

ޔާމީންގެ ވާހަކަފުޅުގައި ޕީއެސްއެމްއިން ޤުރުއާނާއި ގުޅޭ ކޮންޓެންޓް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

"މެދުކެނޑިފައި އޮތް އަލްނޫރް ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް ކުރިއަށް ގެންދިއުމަށް މަސައްކަތް ދަނީ ކުރަމުން. އަދި މިހާރު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއިއެކު ކުރިއަށްދާ މަޝްވަރާތަކަށް ފަހު މިއަހަރު ތެރޭ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ" ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޔާމީން ވިދާޅުވިއެވެ.

ޕީއެސްއެމްއިން ބާއްވާ ކުޑަކުދިންގެ ގުރުއާން މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރު ކުރުމަށާއި ތަޖުވީދުގެ ހަމަތަކަށް ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތަކެވެ. މިއަހަރުގެ މުބާރާތްވެސް ވަރަށް ފުރިހަމައަށް ކުރިއަށްގެންގޮސްފައިވާއިރު، އަންނަ އަހަރު މިއަށް ވުރެވެސް ފުރިހަމައަށް މުބާރާތް ބޭއްވުމަށް މަސައްކަތް ކުރާނެއެވެ.