އަލް-ނަކްބާ ނުވަތަ 1948ވަނަ އަހަރު ޒަޔަނިސްޓުންގެ ދަޢުލަތް ގާއިމު ކުރަން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, ފޭރިގަތް ހިތާމަވެރި ދުވަހަށް 77 އަހަރު ފުރުން ފާހަގަކޮށްފިއެވެ. މި އަހަރު ފަލަސްޠީނުގެ ރައްޔިތުން ނަކްބާ ދުވަސް ފާހަގަ ކުރަމުން މި ދަނީ އެ ފަދަ ދެވަނަ ކާރިސާއެއްގެ ބިރުވެރިކަން ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ހިންގަމުންނެވެ. އަދި، ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، އެ ބިމަށް ވެރިވެގަތުމަށް މަސައްކަތް ކުރަމުންނެވެ. ޣައްޒާގައި ބޮޑު ސަރަޙައްދެއް މިހާރު ވެސް އޮތީ ޔަހޫދީ ފައުޖުގެ ބާރުގެ ދަށުގައެވެ. އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތައް ހިންގަމުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.
1948ވަނަ އަހަރުގެ ނަކްބާގައި, ޒަޔަނިސްޓުންގެ އިސްރާއީލް އުފެއްދުމަށް, ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, 760,000އެއްހާ މުސްލިމުންގެ ގެދޮރު ނެތިކޮށްލިއެވެ. އަދި, އެ މީހުންގެ ބިންތަކުން އެ މީހުން ބޭލިއެވެ. އެ މީހުންނާއި, އެ މީހުންގެ ޢާއިލާތަކާއި ދަރިފަސްކޮޅު މިހާރު ދިރިއުޅެމުން ދަނީ ރެފިއުޖީ ކޭމްޕުތަކުގައެވެ. ނަކްބާގެ އެއް މާނައަކީ މުސީބާތެވެ. އެ ދުވަހަކީ, ފަލަސްޠީނުގެ މުސްލިމުންނަށް ކުރިމަތިވި ބޮޑު މުސީބާތެއްގެ ފެށުމުގެ ގޮތުގައި އިސްލާމީ އުންމަތުން ގަބޫލު ކުރެއެވެ. އެ މުސީބާތަކީ ޔަހޫދީންގެ ދަޢުލަތެވެ.
"ނަކްބާއަށް ފަހު ޔަހޫދީ ހިންގަމުންދާ ޖާރީމާތަކުގައި މިއަދު [ޣައްޒާއިން] ފެންނަމުންދާ ފަދަ މަންޒަރުތަކެއް ދުވަހަކު ވެސް ނުދެކެން،" ނަކްބާގައި ޣައްޒާއަށް ހިޖުރަ ކުރުމަށް މަޖުބޫރުވި ބަދްރީ މުޙާރިބް ބުންޏެވެ. ނަކްބާގެ ކުރިން އޭނާއާއި އޭނާގެ ޢާއިލާ ދިރިއުޅެމުން ގޮސްފައި ވަނީ ޔާފާގައެވެ. ނަމަވެސް، މިއަދު އެއީ ޔަހޫދީން ފޭރިގަނެފައިވާ ރަށެކެވެ. މި ވަގުތު ޚާން ޔޫނިސްގައި ދިރިއުޅެމުންދާ މުޙާރިބް ބުނީ، ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގައި އޭނާގެ ދެ މާމަދަރިން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި، އޭނާގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލާފައިވާ ކަމުގައެވެ.
ޔަހޫދީ ފައުޖުން މިހާރު ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން އެ ސަހަރުގައި ދިރިއުޅޭ 2 މިލިޔަނަށް ވުރެ ގިނަ މީހުންނަށް އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ބަދަލުވުމަށް އެތަކެއް ފަހަރަކު ވަނީ މަޖުބޫރު ކުރުވާފައެވެ. އެ މީހުންގެ ގެދޮރު ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. އެ އެންމެން ކޭމްޕުތަކަކަށް ނުވަތަ ބޮޑެތި ޖަލުތަކަކަށް ބަދަލު ކުރުމަށް ޔަހޫދީ ފައުޖުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ޣައްޒާގެ ހުރިހާ ރައްޔިތުން ޖަލުތަކަށް ބަދަލުކޮށް، އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތައް ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިޔުމަށް ޔަހޫދީން ރާވާފައި ވަނީ އެމެރިކާއާ ގުޅިގެންނެވެ. އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި ޖަމުޢިއްޔާއެއް ވެސް ވަނީ އުފައްދާފައެވެ. އަދި، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބެހުމުގެ. މަސައްކަތް އެ ޖަމާޢަތުގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ޔަހޫދީންނާއި އެމެރިކާއިން ދަނީ ތައްޔާރުވަމުންނެވެ.
ޔަހޫދީ ފައުޖުގެ ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެ ކަން ކޮށްފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރިހަމަ ތާޢީދާއި އެހީތެރިކަމާ އެކުގައެވެ. އެ ދުވަހުން ފެށިގެން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކޮށްފައެއް ނުވެއެވެ. އަދި، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާނެ ތެޔޮ އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ. މިއާ އެކު، ޣައްޒާގައި އެތަކެއް ސަތޭކަ ހާސް ބަޔަކު ހައިހޫނުގައި ޖެހިފައިވާ ކަމުގެ އިންޒާރު އދއާއި އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާތަކުން ވަނީ ކޮށްފައެވެ.
ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ޔަހޫދީން ކުރަމުންދާ އިސްތިޢުމާރީ ވެރިކަމާއި ހިންގަމުންދާ ޖަރީމާތައް ދިރާސާ ކުރުމަށް އެކުލަވައިލާފައިވާ އެކުވެރި ދައުލަތްތައް (އދ)ގެ ޚާއްޞަ ކޮމިޓީއަކުން ބުނީ ނަކްބާގެ ދެވަނަ ބާބެއް ހިނގަމުންދާ ކަމުގެ މަންޒަރުތައް މި ވަގުތު ޣައްޒާއިން ފެންނަމުންދާ ކަމުގައެވެ. އެ ކޮމިޓީން ބުނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން މި ވަގުތު ހިންގަމުންދާ ޤަތުލުޢާންމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ޖަރީމާއެއް ކަމުގައެވެ.