ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޤުލަބިއްޔަތުން ބޭރު ކޮށްލައިފިއެވެ.
20 ވަނަ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ 12 މެންބަރުން ސޮއިކުރައްވާ މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މައްސަލަ ހުށައެޅުމާއެކު ޖަވާބުދާރީވެވަޑައިގަތުމަށް ވަޒީރު 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު މައްސަލަ ތާވަލުކުރީ މިއަދުއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ އިތުބާރު ނެތްކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 54 ވޯޓާއެކު އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުން ސޮއިކުރައްވާ ހުށައެޅުއްވި މައްސަލާގައި ވަޒީރު މުޙައްމަދު އަމީންގެ އިތުބާރު ނެތްކަމަށް ބަޔާންކޮށް 7 ތުހުމަތެއް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެއެވެ. މި ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް އެރުވި ފުރުޞަތުގައި ވަޒީރު އަމީން ވަނީ އެ ހުރިހާ ތުހުމަތުތަކަށްވެސް އިންކާރުކުރައްވާފައެވެ. އަދި އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރަށް ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުޞަތު ދެއްވުމަށްފަހު، ކުރިއަށްގެންދިޔަ ބަހުސްގައިވެސް މެންބަރުން ވަނީ ވަޒީރުގެ މައްޗަށް އުފުލާފައިވާ ތުހުމަތުތަކަކީ ސިޔާސީ މަންފާއެއް ޙާސިލުކުރުމަށް، މީހެއްގެ އަބުރު ނަގާލުމަށް ހުށައަޅާފައިވާ ތުހުމަތުތަކެއްކަމަށް ވިދާޅުވެފައެވެ. އަދި ވަޒީރު ދެއްވި ޖަވާބުން ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތްކަން އެނގޭކަމަށް މެންބަރުން ވިދާޅުވިއެވެ.
ގިނަ މެންބަރުން އެހެން ވިދާޅުވި ނަމަވެސް، އިދިކޮޅު ބައެއް މެންބަރުން ވަނީ ވަޒީރު އަމީނަށް ކޮށްފައިވާ ތުހުމަތުތަކަކީ ރަނގަޅު ތުހުމަތުތަކެއްކަމަށް ވިދާޅުވެފައެވެ. އަދި 18 އޭޕްރީލްގައި ހިނގާދިޔަ މައްސަލައިގެ ތަޙުޤީޤަށް ވަޒީރު ނުފޫޒު ފޯރުވިކަމަށް އިދިކޮޅު މެންބަރުން ތުހުމަތުކުރެއްވިއެވެ.
ވަޒީރު އަމީނުގެ މައްޗަށްކުރައްވާފައިވާ ތުހުމަތުތަކަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން މީހަކު ވެއްޓިފައި އޮތްވާ ފެނުނު މައްސަލާގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތަކުގެ މައްޗަށް އައިސްދާނެ ޖިނާޢީ ކުށެއްގެ ޒިންމާއިން ބަރީޢަކުރުމަށް ވަޒީރު އަމީން މަސައްކަތްކުރެއްވުމެވެ. އަދި އެ މައްސަލާގެ ތުހުމަތު ލިބޭ ބައެއް މީހުންނަކީ ވަޒީރު އަމީނުގެ ޢާއިލީ ބައެއްކަމަށްވެސް ތުހުމަތުކުރައްވާފައިވެއެވެ. އެހެންކަމުން ތަޙުޤީޤަށް ނުފޫޒުފޯރުވުމަށް ވަޒީރު މަސައްކަތްކުރައްވާފައިވާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.