ކުޅިވަރު

ނިއު ރޭޑިއަންޓުގެ އަސްލު ކުޅުން އަދި ސަޕޯޓަރުންނަށް ދައްކާނުލެވޭ: ސޮބާހު


ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުޅުން އަދިވެސް ރަނގަޅުކުރަންޖެހޭ ކަމަށާއި، ނަމަވެސް ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުތް މެޗުގައި ހުރިހާ ވިސްނުމެއް ބެހެއްޓީ މެޗުން މޮޅުވެ ތިން ޕޮއިންޓް ކަށަވަރުކުރުމަށް ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުޙައްމަދު ބުނެފިއެވެ.

ސޮބާހު މިހެން ބުނެފަވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި މިދިޔަ އަންގާރަ ދުވަހު ޓީސީއާ ވާދަކޮށް 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކުރުމަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުންނެވެ. ސޮބާހު ބުނެފައިވަނީ ކުޅުމުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރިކަމަށާ، އެކަމަކު އެދުވަހުގެ މެޗުގައި އެންމެ ބޮޑު އިސްކަމެއްދިނީ މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓު ޔަގީންކުރުމަށްކަމަށެވެ.

"މިއަދު އަޅުގަނޑުމެން މިއައީ މުބާރާތުގައި ކުރިއަށްދާން ބޭނުންކަމަށްވަންޏާ މިއަދު ތިން ޕޮއިންޓު ވަރަށް މުހިންމު. އެއީ އަޅުގަނޑުމެންގެ ހުރިހާ ފޯކަސްއަކީ. ގޭމްގައި އިމްޕްރޫވްކުރަންޖެހޭ ކަންކަން ބައިވަރު" ލީގު ކަޕުގައި ނިއު ރޭޑިއަންޓުގެ ފުރަތަމަ މޮޅު ހޯދައިދިން ކޯޗު ބުންޏެވެ.

ކުޅުމުގެ ތެރެއިން އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރިކަން ފާހަގަކުރަމުން އޭނާބުނީ ޓީމުގެ ދިފާއުތައް ވަރުގަދަކޮށް، ހަމަލާތައް އިތުރުކޮށް، ކުޅުން ހަލުވިކުރުމަށް އިސްކަންދޭންޖެހޭކަމަށެވެ.

"ޑިފެންސިވްލީވެސް އެޓޭކިންގަވެސް ބޯޅަދާއިރުގައި އެއްހާފު ތެރޭ ބޯޅަކުޅޭ އިރު އެއަށްވުރެ މޫވްމެންޓް އަވަސްވާންޖެހޭ" ސޮބާހު ފާހަގަކުރިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ސޮބާހު ވަނީ ފަރިތަކުރުމަށް ވަގުތުކޮޅު މަދުކަމަށް ފާހަގަކޮށް އެކަމުގެ ކަންބޮޑުވުންވެސް ފާހަގަކޮށްފައެވެ. އެގޮތުން އެކަށީގެންވާ ވަރަށް ޕްރެކްޓިސްތައް ބާއްވަން ވަގުތުނެތުމުގެ ސަބަބުން ކުޅެން ދަނޑަށް ނިކުންނަންޖެހެނީ ތައްޔާރުނުވެކަމަށް އޭނާ ބުންޏެވެ. އެކަމުގެ ސަބަބުން ނިއު ރޭޑިއަންޓުގެ އަސްލުކުޅުން މިހާތަނަށް ދެއްކިފައިނުވާކަމަށްވެސް ސޮބާހު ވަނީ ބުނެފައެވެ.

"ޕްރެކްޓިސްތަކެއް ނެތި މުބާރާތާ ކުރިމަތިލާންޖެހުމަކީ އަޅުގަނޑަށް އަދި އަޅުގަނޑުގެ ކޯޗިން ސްޓާފަށް އަސްލުގަ ނިއުރޭޑިއަންޓު ސަޕޯޓަރުންނަށްވެސް ކުޅުން އަދި ހަގީގަތުގަ ދައްކާނުލެވޭ. ކުޅުމަށް ބަލާއިރު ތަންކޮޅެއް ދަށްކޮށް ދިޔަ އެއް ސަބަބު" ސޮބާހުގެ ކަންބޮޑުވުން ހިއްސާކުރިއެވެ.

އެހެންނަމަވެސް މުޅި މެޗުގެ ފޯކަސްބެހެއްޓީ ތިން ޕޮއިންޓު ހޯދުމަށްކަމަށާ، އެކަން ކުޅުންތެރިންކޮށްފިކަމަށް ސޮބާހު ބުންޏެވެ.

"އަޅުގަނޑުމެން މިއަދު ހާސިލްކުރަން ބޭނުންވި ޓާގެޓް ﷲ އިރާދަކުރެއްވިއްޔާ ހާސިލްކުރެވިއްޖެ. އެހެންވީމަ ދެން އޮތީ މިހާރު މި ވިސްނަނީ ފަހަރަކު މެޗަކަށް. ދެވެން އޮތް އެންމެ ދުރަކަށް މިމުބާރާތުގަ ދެވޭތޯ" މުބާރާތުގައި ކުރާ އުންމީދުތަކާ ގުޅޭގޮތުން ސޮބާހް ބުންޏެވެ.

އެފްއޭއެމް ލީގު ކަޕުގައި ނިއު ރޭޑިއަންޓުން ދެން ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެމެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރޭ 9:00 ގައި ރަސްމީ ބޯޅަ ދަނޑުގައެވެ.