ޚަބަރު

މިލާން ބަލިކޮށް ބޮލޯނިއާއިން އިޓާލިއަން ކަޕް ކާމިޔާބުކޮށްފި


ކޯޕާ އިޓާލިއާ ނުވަތަ އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ވަރުގަދަ އޭސީ މިލާން ބަލިކޮށް ބޮލޯނިއާއިން ހޯދައިފި އެވެ.

1974 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއް ބޮލޯނިއާއިން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުން އޭސީ މިލާން ބަލި ކުރުމަށްފަހުގަ އެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ފަސްދޮޅަސް އަށް ހާސް ފަސްސަތޭކަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 53 މިނިޓުގައި ބޮލޯނިއާއަށް ކާމިޔާބުކޮށްދީފައިވަނީ ޑޭން އެންޑޯޔޭ އެވެ.

މި މުބާރާތް ކާމިޔާބު ކުރުމާއެކު ކުރިއަށް އޮތް ސީޒަނުގައި ޔޫރޮޕާ ލީގުގެ ޖާގައެއް ބޮލޯނިއާއަށް ވަނީ ކަށަވަރުވެފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ބޮލޯނިއާއިން ވަނީ އޭސީ މިލާނުގެ ގޯލަށް ނުރައްކާތެރި ފަސް ހަމަލައެއް ފޮނުވާލާފަ އެވެ. ނަމަވެސް މިލާނުގެ ގޯލުކީޕަރު މެއިގްނަން ވަނީ ގިނަ ހަމަލަތަކެއް މަތަކޮށްފަ އެވެ.

ބޮލޯނިއާއިން އެންމެ ފަހުން މުބާރާތެއް ކާމިޔާބުކޮށްފައިވަނީ މީގެ 51 އަހަރު ކުރިން ހަމަ މި މުބާރާތެވެ. އަދި 2003 ވަނަ އަހަރަށްފަހު އޭސީ މިލާނަށް އިޓާލިއަން ކަޕް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ފާއިތުވެދިޔަ ދެ ސީޒަނުގައި ތިން ފައިނަލެއްގައި ކުޅެ ތިން މެޗުންވެސް ބަލިވެފައިވާ ބޮލޯނިއާގެ ކޯޗު ވިންސެންޒޯ އިޓަލިއާނޯ ބުނެފައިވަނީ މިއީ އެ ޓީމަށް ހައްގު ކާމިޔާބީއެއް ކަމަށާއި، މި އަހަރުގެ މުބާރާތުގައި އެ ޓީމުން ރަގަޅު ނަތީޖާތަކެއް ހޯދުމަށްފަހު ފައިނަލުގައި ރަގަޅަށް ކުޅެފައިވާ ކަމަށެވެ.

ބޮލޯނިއާގެ ކޯޗު ކަމާއި އިޓަލިއާނޯ ހަވާލުވެފައިވަނީ މިދިޔަ ސީޒަނުގައި ކުރިން އެ މަގާމުގައި ހުރި ތިއާގޯ މޮއްޓާ ބޮލޯނިއާ ދޫކޮށް ޔުވެންޓަސްގެ ކޯޗު ކަމާއި ހަވާލުވުމުންނެވެ.