ޚަބަރު

"ބަންކަރިން ޚިދުމަތުން ހޯދާ އާމްދަނީ އަންނަނީ އިތުރުކުރަމުން، ރައްޔިތުންގެ އިތުބާރު ސަރުކާރަށް އެބައޮތް"


  • ޒިންމާދާރު އިދިކޮޅު ފަރާތެއް ނެތް، ވާހަކަ ދައްކަަނީ ޤައުމުގެ ކުރިއެރުމަށް ހުރަސް އަޅަން

  • ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުން ބަލައިގަނޭ

ކުރިން ދުވަހަކުވެސް ރާއްޖެ ނުގެންނަ ތެލުގެ ބާވަތެއް މުޅިން އަލަށް ރާއްޖެ ގެނެސް، ބަންކަރިން މެދުވެރިކޮށް ހޯދަމުންދާ އާމްދަނީ އިތުރުކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔާފަރިއާ ބެހޭ ވަޒީރު ވަނީ ރާއްޖޭގައި ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރާނެ ފަރާތެއް ނެތުމަކީ ހިތާމަކުރަންޖެހޭކަމެއްކަމަށެވެ. ވަޒީރު ސައީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އިދިކޮޅުން މަސައްކަތް ކުރަނީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ހުރަސް އަޅަންކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވީއްސުރެ، ޤައުމު ދަރަނިވެރިވާނެ ކަމަށް އެކި މަންސަތަކާއި ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ ގާތު އިދިކޮޅުން ދައްކަމުން ދިޔަކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މާލީ ހާލަތު އަނދަވަޅަކަށް ވައްޓަލާފައި އޮތްވާ ވެރިކަމާއި ހަވާލުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ އެހާލަތު ބަދަލުކުރައްވާފައިކަމަށެވެ.

" ރައީސް ޑރ. މުހައްމަދު މުޢިއްޒު ހޯއްދެވި އެންމެ ބޮޑު އެންމެ ފާހަގަކޮށްލެއްވޭ ކާމިޔާބަކީ ދިވެހިރާއްޖެ ނުދަރާ ސަލާމަތް ކުރެއްވުން. އެއަށް ވުރެ ބޮޑު ވަކި ކާމިޔާބީއެއް އެމަނިކުފާނު ހޯއްދެވި ވާހަކަ އެހެން މީހަކު ބުންޏަސް އަޅުގަނޑުމެންނަށް އޭރުގައި ދިވެހިރާއްޖެ ވައްޓާލާފައި އެމްޑީޕީން އޮތް ހާލަތު، މާލީ ކާރިސާއެއް ދިވެހިރާއްޖެ ކުރިމަތިވެފައި އޮތް ހާލަތުގައި ރައީސްއަކަށް ހޯދޭނެ، ޤައުމަކަށް ހޯދޭނެ އެންމެ އުއްމީދީ ކާމިޔާބީ އަކީ އެޤައުމެއް ނުދަރާ ސަލާމަތް ކުރުން. އެކަން ކުރެއްވީ އެމަނިކުފާނު " ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވިދާޅުވީ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން އަބަދުވެސް ސަރުކާރުގެ އެކި މަސައްކަތްތަކާ މެދު ސުވާލު އުފައްދަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ބަންކަރިންކަމަށް ވިދާޅުވެ ވަޒީރު ވަނީ ފަސް މަސް ދުވަހުގެ ތެރޭގައި ބަންކަރިން އިން ބޮޑު އާމްދަނީއެއް ހޯދާ އެކަން ކާމިޔާބު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފެބުރުއަރީގެ ނިއަލަށް ބަންކަރިންއިން 7.4 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

" ފަސް މަހާއި ދުވަސްކޮޅެއް މިވީ. އެހެންވީމަ ކުޑައެއް ނޫންތޯ ލިބުނު ވަރު. ކުޑައެއް ނޫނޭ މިދެންނެވީ ވީއެލްއެސްއެފްއޯ، ނުވަތަ ލޯ ސަލްފަރ އޮއިލް ދިވެހިރާއްޖެއަށް މުޅިން އަލަށް؛ މީގެ ކުރިން ދުވަހަކުވެސް ގެނައި އެއްޗެއް ނޫން. މުޅިން އަލަށް ގެނެސް މިދެންނެވި 7.4 މިލިއަން ޑޮލަރުގެ %95 އަކީ ވީއެލްއެސްއެފްއޯ ބަންކަރ ކޮށްގެން ހޯދި ފައިސާ. މިހާރު އެ ޓްރެފިކް ދަނީ އިތުރުވަމުން. ރައީސްގެ އަމާޒަކީ ޤާނޫނުތައް ގެނެސް ދައުލަތުގެ ތެރެއިން އިންތިޒާމުތައް ވަރުގަދަކޮށް މިމަސައްކަތް ފުޅާކުރުން. " ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ސަރުކާރުގެ މަސައްކަތްތައް ބާރަށް ނުހުއްޓި ކުރިއަށްދާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރަށްރަށުގެ ރައްޔިތުންވެސް އެކަން ބަލައިގަންނަކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުން ޕީއެސްއައިޕީ މަޝްރޫޢުތައްވެސް ކުރިއަށް ގެންދަވަނީ އިންތިޒާމުތަކެއްގެ ތެރެއިންކަން ފާހަގަކުރައްވާ، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެވުމުގައި ވަޒީރުންނަށް ކުރަން ޖެހޭ ކަންކަމުގެ ތަރުތީބު މިއަދުގެ ސަރުކާރަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ވަޒީރު ސައީދު ވަނީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކަށް ބަލާއިރު މިވީ މަދު ދުވަސްކޮޅުތެރޭގައި މީގެ ކުރިން އެއްވެސް ވެެރިއަކަށް ނުކުރެވޭ ވަރަށް މަސައްކަތް ކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ.