ޖުމްލަ 143 ބައިވެރިންނާއެކު އިންޓަރ ސްކޫލް ޓޭބަލް ޓެނިސް މުބާރާތް 2025 ފަށައިފިއެވެ.
މާލެ ސަހަރައްދުގެ 16 ސުކޫލަކުން ދަރިވަރުން ބައިވެރިވި މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ 14-19 އަށް ހެންވޭރު މުނިއުފާގައި ހުންނަ މާލޭ ޓީޓީ ހޯލްގައެވެ. މި މުބާރާތުގައި 65 އަންހެން ކުދިންނާއި، 78 ފިރިހެން ކުދިން ބައިވެރިވެފައިވާއިރު، ޖުމްލަ 685 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ކުޅިވަރާ ބެހޭ ވުޒާރާ އާއި، ތައުލީމާ ބެހޭ ވުޒާރާ އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ގުޅިގެން ކުރިއަށްގެންދާ މި މުބާރާތަށް މިއަހަރުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
މި މުބާރާތާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެމުން ޓީޓީ އެސޯސިއޭޝަންގެ ޑިވެލޮޕްމެންޓް އޮފިސަރ އާއިޝަތު އަލީފާ ބުނީ މިއަހަރުވެސް ސްކޫލްތަކާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.
"މި އަހަރު އަޅުގަނޑުމެންނަށް ޕްލޭން ކުރިވަރަށް ވުރެ ލަހުން މި މުބާރާތް މި އޯޕަން ކޮށްލެވުނީވެސް. ނަމަވެސް ސުކޫލުތަކާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ. މި ޓޯނަމަންޓް އެކަންޏެއް ނޫން ހަމަ އެސޯސިއޭޝަނުން ބާއްވާ ހުރިހާ މުބާރާތެއްގައި ބެލެނިވެރިން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ" އަލީފާ ބުންޏެވެ.
އިންޓަރ ސްކޫލް ޓީޓީ މުބާރާތުގައި ހަތަރު އުމުރުފުރާއަކުން ކުޅުންތެރިން ވާދަކުރެއެވެ. އޭގެތެރޭގައި 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ ހިމެނެއެވެ.