ޚަބަރު

ޑިޖިޓަލް އައިޑީ ބިލު ޑްރާފްޓުކޮށް ޖުލައި މަހު އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވޭނެ: ޑރ. ވަހީދު


  • 2 ބިލެއް ޑްރާފްޓްކޮށް އެޓަރނީ ޖެނެރަލް އޮފީހަށް ވަނީ ފޮނުވާފަ

  • މިއީ ވޯލްޑް ބޭންކުގެ އެހީގައި، 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮޖެކްޓެއް

ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކުރުމުގެ މަސައްކަތް ނިންމާ، އަންނަ ޖުލައި މަހުގެތެރޭ އެ ބިލު އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވޭނެކަމަށް ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓް މެނޭޖަރ ޑރ. އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ޑރ. އިބްރާހިމް ވަހީދު މިހެން ވިދާޅުވީ، ޑިޖިޓަލް މޯލްޑިވްސް ފޯރ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން، ޑީމޭޑް ޕްރޮޖެކްޓާއި ބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން، ޑީމޭޑްގެ ޕްރޮޖެކްޓް މެނޭޖަރ ޑރ. އިބްރާހިމް ވަހީދު ވިދާޅުވީ، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގައި ހިމެނޭ 4 ވަނަ ޕިލާގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ.

ޑރ. ވަހީދު ވިދާޅުވީ، 4ވަނަ ޕިލާގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކުރުމުގެ މަސައްކަތްކަމަށެވެ. އަދި މި މަސައްކަތް ކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާވެސް ގުޅިގެން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންދާކަމަށާއި، މި މަސައްކަތް ބާރު ދުވެއްޔެއްގައި ކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި ބިލުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްގެންދިއުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑުމެން ނިންމާފަ މިވަނީ މިއަންނަ ޖުލައި މަހުގެ ތެރޭގައި މި ބިލުގެ ޑްރާފްޓުގެ މަސައްކަތް ނިމި، އެޓާރނީ ޖެނެރަލް އޮފީހަށް ފޮނުވޭނެކަމަށް." ޑީމޭޑްގެ ޕްރޮޖެކްޓް މެނޭޖަރ ޑރ. އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ، މި ބިލުގެ މަސައްކަތުގެ އިތުރުން އެހެން ބިލުތަކަށްވެސް މި ޕްރޮޖެކްޓްގެ ތެރެއިން މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން މިހާރުވެސް 'ޑޭޓާ ޕްރޮޓެކްޝަން ބިލް' އަދި 'ސައިބާ ސެކުއިރިޓީ ބިލް' ޑްރާފްޓްކޮށް އެޓާރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޑިޖިޓަލް މޯލްޑިވްސް ޕްރޮޖެކްޓަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ވޯލްޑް ބޭންކުގެ އެހީގައި، 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޑިޖިޓަލް އައިޑެންޓިޓީ ބިލު ޑްރާފްޓުކުރުމަށް ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއިއެކު ދަނީ މަޝްވަރާކުރަމުންނެވެ.

މި މަޝްވަރާ ބައްދަލުވުންތަކުގެ މައިގަނޑު މަޤްސަދަކީ، ވީހާވެސް ގިނަ މީހުން ބައިވެރިވެ، އެމީހުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ބިލުތައް ޑްރާފްޓްކުރުމެވެ.