ޚަބަރު

ރެއާލް މެޑްރިޑުން ބޭނުންވަނީ ކުލަބު ވޯލްޑް ކަޕަށް އަލޮންސޯ އާއެކު ދާން


ކުރިއަށް އޮތް ފީފާ ކުލަބު ވޯލްޑް ކަޕަށް ރެއާލް މެޑްރިޑުން ދާން ބޭނުންވަނީ އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ޒަބީ އަލޮންސޯ ހުރެގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ މި ސީޒަނަށްފަހު ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމާއި ހަވާލުވާނެކަން ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން އިއްޔެ ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިންވެސް އޭނާ މި ސީޒަނަށްފަހު ބްރެޒިލްގެ ޓީމާއި ހަވާލުވާނެކަމަށް ރިޕޯޓްތައްވަނީ ބުނެފަ އެވެ.

އަދި އެންޗެލޮއްޓީ ނެތްތަން ފޫބެއްދުމަށް ރެއާލް މެޑްރިޑްއިން މަސައްކަތް ކުރަމުންދަނީ އެ ޓީމުގެ ކުރީގެ ޑިފެންޑަރ ޒަބީ އަލޮންސޯ އާއިއެކު ކަމަށްވެސް ސްޕެއިންގެ މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށް ކޯޗު ކޮށްދެމުންދާ އުމުރުން 43 އަހަރުގެ އަލޮންސޯ ވަނީ މި ސީޒަނަށްފަހު އޭނާ އެ ކްލަބު ދޫކޮށްލާނެކަން އިއުލާން ކޮށްފަ އެވެ. އަދި އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހު އޭނާ އެނބުރި ސްޕެއިންއަށް ގޮސް ރެއާލް މެޑްރިޑާއި ހަވާލުވާނެ އެވެ.

އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ކްލަބް ވޯލްޑް ކަޕަކީ ފުޓްބޯޅަ ކްލަބްތަކުގެ މެދުގައިވާ ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. އަދި މިއީ މުޅިން އައު ފޯމެޓަކަށް މި މުބާރާޓް ފީފާއިން އިންތިޒާމުކުރާ ފުރަތަމަ ފަހަރުވެސްމެ އެވެ.

ބްރެޒިލްގެ ގައުމީ ޓީމާއި އެންޗެލޮއްޓީ ހަވާލުވާނެކަން އިއުލާން ކުރި ނަމަވެސް މި ސީޒަން ނިމެންދެން އޭނާ ރެއާލް މެޑްރިޑަށް އިރުޝާދު ދޭނެ އެވެ. އޭނާ ރެއާލް މެޑްރިޑާއި އެކު މަސައްކަތް ކުރާނެ އެންމެ ފަހު މެޗަކީ މެއި 25 ވަނަ ދުވަހު ލަލީގާގައި ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅޭ މެޗެވެ.

މި ސީޒަނުގައި ރެއާލް މެޑްރިޑްއިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ކަޓާފައިވާއިރު, ކޮޕާ ޑެލްރޭގެ ފައިނަލުގައި ވަނީ ވާދަވެރި ބާސެލޯނާ އަތުން ބަލިވެފަ އެވެ. އަދި ލަލީގާ ކާމިޔާބު ކުރުމަށް އެ ޓީމުން ކުރަމުންދިޔަ އުންމީދުތައްވެސް މިހާރު ވަނީ ކުޑަވެފަ އެވެ.

ރެއާލް މެޑްރިޑް އިން މި ސީޒަނުގައި ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު "އެލް ކްލެސިކޯ"ގެ ހަތަރު މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.