އިޓަލީގެ ރޯމްގައި މިހާރު ކުރިއަށްދާ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އެރީނާ ސަބަލެންކާ ހޯދައިފިއެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ބެލަރޫސްއަށް އުފަން ސަބަލެންކާ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ މި މުބާރާތުގައި 27 ވަނަ އަށް ސީޑުކޮށްފައިވާ މާޓާ ކޮސްޓްޔުކް އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް އެކެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ ޗައިނާގެ ކިންވެން ޒެންގް އެވެ.
ކުއާޓަރ ފައިނަލުގެ ޖާގަ ހޯދާފައިވާ އެހެން ކުޅުންތެރިންގެ ތެރޭގައި އެމެރިކާގެ ކޮކޯ ގައުފް އާއި އިޓަލީގެ ޖޭސްމީން ޕައުލީނީ ހިމެނެ އެވެ.
ކޮކޯ ގައުފު މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އިނގިރޭސިވިލާތުގެ އެމާ ރަޑުކާނޫ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް އެކެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި ޕައޮލީނީ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ލެޓްވިއާގެ ޔެލޭނާ އޮސްޓަޕެންކޯ އާއި ދެކޮޅަށް ކުޅުނު މެޗު ހަތެއް ފަހެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.