ޚަބަރު

ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ބުރުނު ޝިކާރު ޖޫން މަހު


ގައުމީ ބޮޑީބޯޑީން ލީގުގެ އެންމެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025 އަންނަ ޖޫން މަހުގެ 17-21 އަށް ބާއްވަން ނިންމައި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރަކީ މި މުބާރާތް ބާއްވާ ހަތްވަނަ އަހަރެވެ. ރާއްޖޭގައި އެންމެ ދުވަސްވީ ބޮޑީބޯޑިން މުބާރާތް ކަމަށްވާ ބުރުނު ޝިކާރުގައި ރަސްމީ ތިން އިވެންޓެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ މެންސް އޯޕަން އާއި، ވިމެންސް އޯޕަން އާއި، ޖޫނިއަރ މެން އަދި ޑްރޮޕްނީ އިވެންޓު ކަމަށް މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން މައުލޫމާތުދެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖޫން މަހުގެ 12 ގެ މެންދުރު 12:00 އާ ހަމައަށެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބޮޑީބޯޑިން އެސޯސިއޭޝަންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ އެ އޮފީހަށް ހާޒިރުވެގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިދިޔަ އަހަރުވެސް ވަރަށް ފޯރީގައި ވަރުނުލާ ރާޅުގަނޑުގައި ކުރިޔަށްގެންދިޔަ ބުރުނު ޝިކާރު ޗެލެންޖްގައި ޖުމްލަ 28 އެތުލީޓުން ވާދަކުރިއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ މެންސް އޯޕަން އިވެންޓާއި ޑްރޮޕްނީ އިވެންޓުން އެއްވަނަ ހޯދީ އެންމެ ފަހުގެ ގައުމީ މުބާރާތުގެ ޗެމްޕިއަން، މާލެ ސިޓީގެ އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) އެވެ. އަދު ޖޫނިއާރ މެންސް އިވެންޓުގެ އެއްވަނަ ހޯދީ ފުވައްމުލައް ސިޓީގެ މުޙައްމަދު އަޒާން އަޙްމަދެވެ.

ބުރުނު ޝިރާކު ބޮޑީބޯޑިން ޗެލެންޖަކީ 2013 ވަނަ އަހަރު ތައާރަފުކުރި މުބާރާތެކެވެ. މިއީ ރާއްޖޭގެ ބޯޑީބޯޑަރުންނަށް ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލާ އެ ހުނަރު އިތުރު ތަރައްގީކުރުމަށް ލިބިގެންދާ ފުރުސަތެކެވެ.