ޤަތަރުގެ ޝާހީ އާއިލާއަށް ހަދިޔާކުރަން ނިންމާފައިވާ ބޮއިންގ 8-747 މަރުކާގެ މަތިންދާބޯޓު ޤަބޫލުކުރައްވައި، އެމެރިކާގެ ރައީސުންގެ ވައިގެ ދަތުރުފަތުރުތަކަށް ޙާއްސަ ކޮށްފައިވާ ރަސްމީ މަތިންދާބޯޓު 'އެއަރ ފޯސް ވަން'ގެ ގޮތުގައި އެ ބޯޓު ބޭނުންކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވިސްނާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޤަތަރުން ހަދިޔާކުރަން ތައްޔާރުވަމުންދާ އެންމެ މަތީފަންތީގެ މަތިންދާބޯޓަކީ، އެމެރިކާގެ ރައީސަކަށް އެމެރިކާގެ ތާރީޚުގައި ލިބިވަޑައިގަންނަވާނެ އެންމެ އަގުބޮޑު ހަދިޔާއަށް ވާނެއެވެ. މި މަރުކާގެ މަތިންދާބޯޓެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރަށް ވުރެ މަތީގައެވެ.
އެމެރިކާގެ ސަރުކާރުގެ އެ ވިސްނުމަށް ބާރު ދެއްވަމުން، ޓްރަމްޕް ސޯޝަލް މީޑިޔާގައި ވިދާޅުވީ، މިހާރު އޮތް 40 އަހަރުވީ އެއަރ ފޯސް ވަންގެ ބަދަލުގައި ބޮއިންގ ގެ މި މަރުކާގެ މަތިންދާބޯޓެއް ހިލޭ ލިބެން އުޅޭ ކަމަށެވެ.
ނަމަވެސް، މި ކަމާ ގުޅިގެން އެމެރިކާގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ ޓްރަމްޕަށް އަމާޒުވެފައެވެ. މިގޮތުން، މިއީ ދަޢުލަތަކުން ދޭ ރިޝްވަތެއްގެ އިތުރަށް ބޭރު ޤައުމަކުން އެމެރިކާއަށް ނުފޫޒު ފޯރުވުމުގެ ޢަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
އެމެރިކާގެ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ވިދާޅުވީ، ބޭރުގެ ސަރުކާރަކުން ދޭ ހަދިޔާއެއް ބަލައިގަންނާނީ އެކަމަށް ހެދިފައިވާ ޤާނޫނުތަކާ އެއްގޮތަށް ކަމަށާއި، އެ ކަންކަން ކުރިއަށްދާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.
ޤަތަރު ސަރުކާރުގެ ތަރުޖަމާނު ޢަލީ އަލް އަންސާރީ ނެރުނު ބަޔާނެއްގައި ވިދާޅުވީ އެއަރ ފޯސް ވަންގެ ގޮތުގައި ވަގުތީ ގޮތުން ބޭނުން ކުރުމަށް މަތިންދާބޯޓެއް ދިނުމާ ގުޅޭގޮތުން ޤަތަރާއި އެމެރިކާގެ ދިފާޢީ ވުޒާރާ އާދެމެދު މަޝްވަރާ ކުރެވެމުންދާ ކަމަށާއި، ނަމަވެސް އަދި މިހާތަނަށް ވަކި ގޮތެއް ނިމިފައިނުވާ ކަމަށެވެ.
އެމެރިކާގެ އިދިކޮޅު ފަރާތްތަކުގެ އިތުރުން، ބޭރު ޤައުމަކުން ދޭ މިފަދަ އަގޮބޮޑު ހަދިޔާއެއް ޤަބޫލުކުރުމާމެދު މަދަނީ ބައެއް ޖަމްޢިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
މި ހަފްތާގެ ތެރޭގައި މެދުއިރުމަތީގެ ޤައުމުތަކަށް ޓްރަމްޕް ފައްޓަވައި ދަތުރުފުޅުގައި ޤަތަރަށް ވެސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މި މަތިންދާބޯޓު ހަދިޔާ ކުރާނީ މި ދަތުރުފުޅުގެ ތެރެއިން ނޫން ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.