ޚަބަރު

ވޮލީގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ޖަޕާނުގެ ތަޖުރިބާކާރެއް ރާއްޖެ އަންނަނީ


ރާއްޖޭގެ ވޮލީބޯޅައިގެ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ޖަޕާނުގެ ތަޖުރިބާކާރު ކޯޗެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި، މިމަހުގެ 27 ގައި އޭނާ ރާއްޖެ އަންނާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.

ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް "ޕީއެސްއެމް ނިއުސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް އެކުލަވާލާ މާސްޓަރޕްލޭން ތައްޔާރުކުމަށް ރާއްޖެ ގެންނަ ޖަޕާނުގެ ތަޖްރިބާކާރު ކޯޗު ރާއްޖޭގައި ހުންނާނީ މި މަހުގެ 27 އިން ޖޫން މަހުގެ 25 އަށް ކަމަށެވެ.

އަދި މި މުއްދަތުގެ ތެރޭގައި ވޮލީބޯޅައިގެ ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާތައް ބާއްވާ ހިޔާލު ބަދަލުކުރުންތައް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖޭގެ ވޮލީ ބޯޅައިގެ ދިގު ރާސްތާ ޕްލޭން އެކުލަވާލުމުގައި ވޮލީބޯޅަ ކޮމިއުނިޓީގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ބޭނުންވާ ކަމަށާއި، އެންމެންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ވީއޭއެމްގެ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ވޮލީބޯޅަ ތަރައްްގީކޮށް ކުރިއެރުވަށް މިއަހަރަށް ގިނަ ކަންތައްތަކެއް ރާވާފައިވާއިރު މިއަހަރު ބައިނަލްއަގްވާމީ މުބާރާތްތަކުން މެޑަލް ހޯދުމަކީ އަމާޒެކެވެ. އެގޮތުން ކުރިޔަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސާފް ގޭމްސްގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުތަކުން މެޑަލް ހޯދުމަށް އަމާޒެއް ކަނޑައަޅައިގެން ޓީމު ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

އެގޮތުން އައިއޯއައިޖީގެ ފައިނަލްގައި ކުޅެވޭ ފެންވަރަށް 23 އަހަރުން ދަށުގެ ފިރިހެން ވޮލީ ޓީމު ތައްޔާރުކުރުމަށް އޭޕްރީލް މަހުން ފެށިގެން އީރާނުގެ ތަޖުރިބާކާރު ކޯޗަކާއެކުވެސް މަސައްކަތްތަކެއްކޮށްފައިވެއެވެ.

އެހެންނަމަވެސް އެ ކޯޗު ވަނީ މިމަހު ރާއްޖެއިން ފުރާފައެވެ. އޭގެ ބަދަލުގައި އަނެއްކާވެސް މަހެއްހާ ދުވަހުގެ ތެރޭގައި އާ ކޯޗެއް ހޯދުމުގެ މަސައްކަތް ވީއޭއެމުން ވަނީ ފަށާފައެވެ. މިފަހަރުވެސް 23 އަހަރުން ދަށުގެ ޓީމަށް އިރުޝާދު ދިނުމަށް ގެންނަން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ ވޮލީބޯޅައިގެ ތަޖްރިބާހުރި އީރާނުގެ ކޯޗެކެވެ.

ވޯލީގެ މާސްޓަރސް ޕްލޭން އެކުލަވާލުމަށް ރާއްޖެއަށް ޖަޕާނުގެ ކޯޗެއް ގެންނައިރު ވީއޭއެމްގެ ރައީސް ވިދާޅުވީ މި ޕްލޭން އެކުލަވާލާނީ ދިރާސާތަކާއެކު އެކި އުމުރުފުރާތަކުގެ ކުދިންނަށް ހާސިލްވާން ޖެހޭ މިންވަރުތައް ކަނޑައަޅާ އެކުދިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއިން ބުއިމާއި ނިދުން ހުންނަން ޖެހޭ ގޮތްތަކުގެ މައުލޫމާތާއި އިރުޝާދުވެސް ހިމަނައިގެން ކަމަށެވެ.