ޚަބަރު

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން


  • ފަތުރުވެރިކަން ވަނީ %8.1 ކުރިއެރުމެއް ހޯދާފައި

  • ޗައޮނާއަކީ މިހާރު އެއްވަނަ މާކެޓު

މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މިވަގުތު އެއް ވަނަ މާކެޓެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ ނަންބަރުތަކަށް ދަނީ ކުރިއެރުން އަންނަމުންނެވެ. މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 884،802 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 818،341 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %8.1 އިތުރުވުމެކެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 100،650 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ އަހަރުގެ މިހާތަނަށް ވަކިވަކި ޤައުމުތަކަށް ބަލާއިރު ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ފުރަތަމަ ޤައުމެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޗައިނާގައި އިސްތިހާރުކޮށް ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ގައުމީ އެއަރލައިން މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ޗައިނާގެ ތިން ސިޓީއަކަށް ވަނީ ފަށާފައެވެ. މިއާއިއެކު ޗައިނާއިން ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އިތުރުންވެސް ޗައިނާގެ ގިނަ އެއަރލައިންތަކަކުންވެސް ދަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އަދި ޗައިނާގައި ރާއްޖެ އިސްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ވަނީ ޗައިނާގެ ނޫސްވެރިންގެ ޓީމެއްވެސް ރާއްޖެ ގެނެސްފައެވެ.

އަހަރުގެ މިހާތަނަށް ފަތުރުވެރިން އައި ޢަދަދު:

* ޗައިނާ: 100،650 ފަތުރުވެރިން
* ރަޝިއާ: 95،144 ފަތުރުވެރިން
* އިނގިރޭސިވިލާތް: 91،690 ފަތުރުވެރިން
* އިޓަލީވިލާތް: 78،592 ފަތުރުވެރިން
* ޖަރުމަނުވިލާތް: 67،978 ފަތުރުވެރިން

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒު ހާސިލްކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.