ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރޭގައި ހިމެނޭ އެމެރިކާ އަދި އިސްރާއީލުގެ ރައްޔިތެއް މިނިވަން ކުރުމަށް އެ ޖަމާޢަތުން އެއްބަސްވެއްޖެއެވެ. ޙަމާސުން މިނިވަން ކުރުމަށް އެއްބަސްވެފައި ވަނީ 21 އަހަރުގެ އެޑެން އެލެގްޒާންޑަރއެވެ. އޭނާއަކީ އެމެރިކާގެ ނިއު ޖަރޒީއަށް އުފަން، އެމެރިކާއާއި އިސްރާއީލަށް ނިސްބަތްވާ ރައްޔިތެކެވެ. އޭނާ މި ވަގުތު ޚިދުމަތް ކުރަމުން ދަނީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމު ހިންގަމުންދާ ޔަހޫދީ ފައުޖުގައެވެ.
އެލެގްޒާންޑަރ މިނިވަން ކުރުމަށް ނިންމާފައިވާ ކަން ޙަމާސުން އިޢުލާނު ކުރުމާ އެކު، އެ ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ބާއްވަމުންދާ ނުރަސްމީ ވާހަކަތަކުގައި މެދުވެރިންގެ ދައުރު އަދާ ކުރާ މިޞްރާއި ޤަޠަރުން ވަނީ އެ ކަމަށް މަރުޙަބާ ކިޔާފައެވެ. މަޞްދަރުތަކުން ބުނީ، އެލެގްޒާންޑަރ މިނިވަން ކުރުމަށް ޙަމާސުން އެއްބަސްވެފައި ވަނީ އެ ޖަމާޢަތާއި އެމެރިކާގެ އޮފިޝަލުންނާ ދެމެދު ބޭއްވި ނުރަސްމީ މަޝްވަރާތަކެއްގައި ކަމުގައެވެ.
އެލެގްޒާންޑަރއަކީ ޙަމާސްގެ ބެލުމުގެ ދަށުގައި މި ވަގުތު ތިބި އަސީރުންގެ ތެރޭގައި އެމެރިކާގެ ހަމައެކަނި ރައްޔިތެވެ. އޭނާ މިިނިވަން ކުރުމަށް ނިންމާފައިވާ ތާރީޚު ޙަމާސުން އިޢުލާނު ކޮށްފައި ނެތް ނަމަވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ މޭ 13ވަނަ ދުވަހު އޭނާ މިނިވަން ކުރާނެ ކަމަށް ބެލެވޭ ކަމުގައެވެ. މިއީ، ޣައްޒާ ޢުދުވާން ހުއްޓުވުމުގެ މަޤުޞަދުގައި ބާއްވަމުންދާ މަޝްވަރާތަކަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި މިޞްރާއި ޤަޠަރުން ޤަބޫލު ކުރެއެވެ.
އެމެރިކާގެ އަސީރަކު މިނިވަން ކުރުމަށް ޙަމާސުން ނިންމާފައި މި ވަނީ، މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. ޙަމާސުން ބުނީ، އެލެގްޒާންޑަރ މިނިވަން ކުރުމަށް ނިންމާފައި ވަނީ ޔަހޫދީ ފައުޖުގެ ޤަތުލުޢާންމަށް ދެމެހެއްޓިނިިވި ނިމުމެއް ގެނެސް، ޣައްޒާގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސަމުންދާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމުގައެވެ.
އެލެގްޒާންޑަރ މިނިވަން ކުރުމަށް ނިންމާފައިވާ ކަން ޙަމާސުން ހާމަ ކުރުމާ އެކު އެމެރިކާއިން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. އަސީރުން މިނިވަން ކުރުމުގެ މަޝްވަރާތަކުގައި އެމެރިކާ ތަމްސީލު ކުރައްވާ މަންދޫބު އެޑަމް ބޮއެލަރ ވިދާޅުވީ، އެލެގްޒާންޑަރ މިނިވަން ކުރުމަށް ޙަމާސުން ނިންމުމަކީ "ކުރިއަށް އެޅުނު ރަނގަޅު ފިޔަވަޅެއް" ކަމުގައެވެ. "ޙަމާސުން ރަހީނު ކޮށްފައިވާ މީހުންގެ ތެރެއިން މަރުވެފައިވާ އެމެރިކާގެ އިތުރު ހަތަރު މީހުންގެ ހަށިގަނޑު ޙަވާލު ކުރުމަށް ވެސް އަޅުގަނޑުމެން އެދެން،" އޭނާ ވިދާޅުވިއެވެ.
ރައީސް ޓްރަމްޕް ވެސް ވަނީ ޙަމާސްގެ ނިންމުމަށް ތާރީފު ކުރައްވާފައެވެ. "މިއީ އެމެރިކާއާއި މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ މިޞްރާއި ޤަޠަރަށް އިޙުތިރާމު ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް، ލޭއޮހޮރުވުން ބޮޑު ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަދި ދިރިތިބި ހުރިހާ އަސީރުން މިނިވަން ކުރުމަށާއި، މަރުވެފައިވާ އަސީރުންގެ ހަށިތައް ޙަވާލު ކުރުމަށް،" ޓްރަމްޕް ވިދާޅުވިއެވެ.
ޙަމާސުން ޔަހޫދީންގެ ބައިގަނޑެއް ރަހީނު ކޮށްފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު އެ ޖަމާޢަތުން ޒަޔަނިސްޓުންގެ އިސްރާއީލަށް ދިން ޖިހާދީ ޙަމަލާތަކެއްގައެވެ. އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 120,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 2,300އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.