ޚަބަރު

ނަރުހުންގެ އަގު ވަޒަންކުރާނީ އެހެން އެއްވެސް ދުވަސްވަރެއްގައި ނުކުރާމިންވަރަށް: ރައީސް


  • ނަރުހުންގެ ދުވަހުގެ ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި

  • ނަރުހުންގެ މަސައްކަތަކީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ އެންމެ ޝަރަފުވެރި އެއް މަސައްކަތް

ވަރުބަލިވުމެއް ފޫހިކަމެއްނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަން ނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަން ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަރުހުންގެ ދުވަހާގުޅިގެން ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅު މިމޭރުމުން ކުރިއަށްގެންދަވަމުން، މި ސަރުކާރުން ނަރުހުންގެ އަޑު އަހައި އިޖާބަދޭނެކަމުގައި ވިދާޅުވެފައިވެއެވެ. އަދި ނަރުހުންނަށް ފައިދާ ހުރި އެތައްކަމެއް، އިސްކަންދީގެން، މި ސަރުކާރުން ފަހިކޮށްދޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަހުނިޔާގެ ޚިޠާބުގައި، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފުވެރި އެއް ޒިންމާ ރެޔާއިދުވާލު އުފުލަމުންދާ ހީވާގި ނަރުހުންނަށް، ސާބަހާއި ތާރީފާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ފޮނުއްވާފައިވެއެވެ.

ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހި، އެތައްކަމެއް އެކުވެފައިވާ، ބޮޑު މަސްއޫލިއްޔަތެއްކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ނަރުހުންގެ ޚިދުމަތަކީ، ދެވޭ މުސާރައަކަށްވުރެ، އެ ޚިދުމަތަށް ލިބޭ ސަވާބާއި ދަރުމަ، އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮ ދުޢާ، އެތައް ގުނައަކަށް އިތުރު، މާތް މަސައްކަތެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ނަރުހުންގެ ދުވަހާ ގުޅިގެން މީސް މީޑިއާގައިވެސް ތަހުނިޔާ ވިދާޅުވެ ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި، ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ޚިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުންކަމަށާއި، ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއިއެކު ކުރަމުންދަނީ މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.