ސްޕެނިޝް ލީގުގައި ރޭ ވާދަވެރި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު އެލް ކްލަސިކޯ މެޗު ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުން ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.
މި ނަތީޖާ އާއެކު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ މިހާތަނަށް ކުޅުނު 35 މެޗުން ލިބުނު 82 ޕޮއިންޓާއެކުއެވެ. ރެއާލް މެޑްރިޑަށް ލިބިފައިވާ 75 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. ލީގުގައި ބާކީ ތިން މެޗު ކުޅެން އޮތްއިރު ޗެމްޕިއަންކަން ހޯދުމަށް ބާސެލޯނާއަށް މި ތިން މެޗުން ބޭނުންވަނީ އެންމެ ތިން ޕޮއިންޓެވެ.
ބާސެލޯނާގެ ދަނޑުގައި ފަންސާސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ 14 މިނުޓުގެ ތެރޭގައި ރެއާލް މެޑްރިޑުން ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެގޮތުން މެޗުގެ 9 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ފަސް މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި ބާސެލޯނާއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނިޓުގައި އެރިކް ގާސިއާ ކާމިޔާބުކޮށްދިންތާ 13 މިނިޓު ފަހުން ލަމީން ޔަމާލް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަދި މެޗުގެ 34 ވަނަ މިނިޓުގައި ރަފީނިއާ ވަނީ ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ބާސެލޯނާއަށް ކުރި ހޯދަދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ. މި މެޗުގައި ބާސެލޯނާ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ފެރާން ޓޮރޭޒް އެވެ.
ރެއާލް މެޑްރިޑުން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 70 ވަނަ މިނިޓުގައި އެމްބާޕޭ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. މި ލަނޑާއެކު އޭނާ މި ސީޒަނުގައި ޖެހި ލަނޑުގެ އަދަދު ވަނީ 39 އަށް އަރާފަ އެވެ. އަދި މިއީ ރެއާލް މެޑްރިޑާއި އަލަށް ގުޅުނު ކުޅުންތެރިއަކު އޭނާގެ ފުރަތަމަ ސީޒަނުގައި ލަނޑު ޖަހާފައިވާ އެންމެ ގިނަ އަދަދެވެ.
އަންނަ ބުދަ ދުވަހު މަޔޯކާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުން އެ ޓީމު ބަލިވެ، އެސްޕަނިއޯލް އަތުން ބާސެލޯނާ މޮޅުވެއްޖެނަމަ ބާސެލޯނާއަށް ލީގު ޗެމްޕިއަންކަން ލިބިގެންދާނެއެވެ.