ޚަބަރު

ޓޮރީނޯ ބަލިކޮށް އިންޓަރ މިލާނުން ފަރަގު ކުޑަކޮށްފި


އިޓާލިއަން ލީގުގައި ރޭ ޓޮރީނޯ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި އޮތް ނާޕޮލީއާ ދެމެދުވާ ފަރަގު އިންޓަރ މިލާނުން ކުޑަކޮށްފިއެވެ.

މި މެޗުން އިންޓަރ މިލާން މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 36 މެޗުން 77 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފައެވެ. އެއްވަނައިގައި އޮތް ނާޕޮލީއަށް ލިބިފައިވަނީ 78 ޕޮއިންޓެވެ. ރޭ ޖެނޯއާއާ ދެކޮޅަށް ނާޕޮލީ ކުޅުނު މެޗު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ޓޮރިނޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މެޑިކަލް އެމަޖޭންސީއެއްގެ ސަބަބުން މެޗުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ބޯކޮށް ވާރޭވެހި ގުގުރުމާއި ގުޅިގެންވެސް މެޗުގެ ކުޅުން އަލުން ފެށުން ރެފްރީ ވަނީ ލަސްކޮށްފައެވެ.

މި މެޗުގައި އިންޓަރ މިލާނުން ފުރަތަމަ ލީގު ނަގާފައިވަނީ މެޗުގެ 14 ވަނަ މިނިޓުގައި ނިކޮލާ ޒަލޭސްކީ ޕެނަލްޓީ އޭރިއާގެ ބޭރުން، 25 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑުންނެވެ.

އިންޓަރ މިލާނުން މި މެޗުގައި ޖަހާފައިވާ ދެވަނަ ލަނޑަކީ އެ ޓީމުގެ މަހުދީ ތަރޭމީއަށް ޓޮރީނޯގެ ކީޕަރު ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއަން އަސްލާނީ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.