ޚަބަރު

ވެސްޓް ހޭމް އަތުންވެސް ޔުނައިޓެޑް ބަލިވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

މި ނަތީޖާ އާއެކު ވެސްޓް ހޭމް ޔުނައިޓެޑަށް ލިބިފައިވާ 40 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ 15 ވަނަ މަގާމް ލިބިފައެވެ. ޔުނައިޓެޑަށް ލިބިފައިވާ 39 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 16 ވަނައިގައެވެ.

މި ނަތީޖާއާއެކު، 1992 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި މެޗަކުން މޮޅުނުވެ ހަތް މެޗު ދިއުމަށްފަހު ފުރަތަމަ ފަހަރަށް ޔުނައިޓެޑް މިވަނީ މެޗަކުން މޮޅުނުވެ 7 މެޗު ނިމިފައެވެ. އޭގެ ތެރެއިން ފަސް މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހަށްފަހު ޔުނައިޓެޑަށް މޮޅު ވެވިފައިވަނީ ތާވަލުގެ ފުލުގައި އޮވެ ޕްރިމިއަރ ލީގުން ރެލިގޭޓުވެފައިވާ އިޕްސްވިޗް ޓައުން އާއި ލެސްޓާ ސިޓީ އަތުންނެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގެ 26 ވަނަ މިނިޓުގައި ވެސްޓް ހޭމްގެ ތޯމަސް ސޫޗެކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި މެނުއެލް އުގާޓޭއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކުޑޫސް ބޯޅަ ހޯދުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ލިބުނު ބޯޅަ، ވެންބިސާކާ ހުރަސް ކުރި ވަގުތު ޖެރަޑް ބޮވެން ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ދެވަނަ ލަނޑު ޖަހައި، ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ބާކީ ދެ މެޗު އޮތްއިރު، އެ ދެ މެޗުން މޮޅުވެގެންވެސް އެ ޓީމަށް ލިބޭނީ ތާވަލުގެ 13 ވަނަ މަގާމެވެ. މިއީ 74-1973 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޔުނައިޓެޑް ޕްރިމިއަރ ލީގުން ރެލިގޭޓުވި ފަހުން އެ ޓީމަށް ހޯދިފައިވާ އެންމެ ދަށް ނަތީޖާއެވެ.

މި ސީޒަނުގައި ޕްރިމިއަރ ލީގުގައި ހޯދިފައިވާ ދަށް ނަތީޖާތައް ހަނދާން ނައްތާލަން ޔުނައިޓެޑަށް މިހާރު އޮތް ހަމައެކަނި ފުރުސަތަކީ މި މަހުގެ 21 ވަނަ ދުވަހު ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ޓޮޓްނަމް ހޮޓްސްޕަރއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމެވެ.

މި ސީޒަނަށްފަހު ޔުނައިޓެޑްގެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފައިވާއިރު، ވުލްވްސްގެ މެތިއުސް ކޫނިއާ އާއި އިޕްސްވިޗްގެ ފޯވަޑް ލިއާމް ޑެލަޕް ހޯދުމަށް އެ ޓީމުން މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.