އިޓަލީގައި ކުރިއަށްދިޔަ 10 ވަނަ ސާޑީނިއަން ވެޓެރަންސް އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 70 އަހަރުން މަތީގެ އުމުރުފުރާއިން ރާއްޖޭގެ އަޙްމަދު ލަތީފް (ސީވީޑް ލަތީފް) ރަން މެޑެލް ހޯދައިފިއެވެ.
އޭނާ މި ކާމިޔާބީ ހޯދާފައިވަނީ އިޓަލީގެ ރޮމާނޯލީ އޫގޯއާ ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 11-2 އަދި 14-12 އިންނެވެ. އަދި އޫގޯއާ އެކު ލަތީފް މެރެތަން ގޭމެއްވެސް ކުޅެފައިވާއިރު، އެ މެޗު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ނަމަވެސް ފޯރިގަދަ ކުޅުމަކަމަށްފަހު އެ މެޗު ލަތީފް ގެންގޮސްފަވަނީ 22-20 އިންނެވެ.
މިއީ ރާއްޖޭގެ ވެޓެރަންސް ޓީޓީ ކުޅުންތެރިއަކު މިހާތަނަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކޮށް މިހާ ބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ.
މި ފަޚުރުވެރި ކާމިޔާބީއާ ގުޅޭގޮތުން އިޓަލީގައި ހުރެ "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ލަތީފް ބުނީ އަބަދުވެސް ބައިނަލްއަގުވާމީ މުބާރާތްތަކަށް ޝައުގުވެރިކަން ހުންނަ ކަމަށާއި، އެގޮތުގެމަތިން މި ފަހަރު މި މުބާރާތުގައި ބައިވެރިވީ ކަމަށެވެ. އަދި މިއީ ވަރަށް ރަނގަޅު ތަޖުރިބާއެއްކަން ފާހަގަކުރަމުން ލަތީފް ބުނީ މި މުބާރާތުގައި ގިނައިން ބައިވެރިވީ ޔޫރަޕުގެ ކުޅުންތެރިން ކަމަށެވެ. އެގޮތުން ޖުމްލަ 13 ކުޅުންތެރިއަކާ ވާދަކޮށް މިފަދަ ފަޚުރުވެރި ކާމިޔާބީއެއް ލިބުމަކީ ލިބުނު އުފަލެއް ކަމަށް އޭނާ ސިފަކުރިއެވެ.
"ގްރޫޕް ސްޓޭޖުން، ކުއާޓާއާ ހަމައަށް ގޮސް، އެންމެ ފަހުން ފައިނަލްގައި ވާދަކޮށް ގޯލްޑެއް މި ލިބުނީ." ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ ބުނެފައިވެއެވެ.
"ވަރަށް ރަނގަޅު ތަޖުރިބާއެއް މިއީ. ޔޫރަޕުގެ ކުޅުންތެރިންނާ ވާދަކޮށްލަން ލިބުމަކީ ވަރަށް ރަނގަޅު ތަޖުރިބާއެއް. މުޅިއަކު 13 ކުޅުންތެރިން އަޅުގަނޑު ބައިވެރިވި ކެޓެގަރީގައި ވާދަކުރި." ލަތީފް ބުނެފައިވެއެވެ.
މީގެ އިތުރުން މި މުބާރާތުގެ 70 އަހަރުން މަތީގެ އުމުރުފުރާގެ ފިރިހެނުންގެ ޑަބަލްސް ކެޓެގަރީން ލަތީފް އަދި ޖަރުމަނުގެ ފްރޭންކް ގަންޓާގެ ޕެއާ ވަނީ ދެވަނަ ހޯދައި، ރިހި މެޑެއްޔެއްވެސް ކާމިޔާބުކޮށްފައެވެ.
އިޓަލީގެ އަލްގޭރޯގައި މި މުބާރާތް ކުރިއަށްދިޔައީ މިމަހުގެ 9-11 އަށެވެ. ވާދަވެރިކޮށްދިޔަ މި މުބާރާތުގައި 20 ގައުމަކުން ޖުމްލަ 120 ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ.