މުޅިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރިއަށް ގެންދާ، މަސައްކަތުގެ ދަށުން ނިޒާމު ބަދަލުކުރުމަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން "މޯލްޑިވްސް 2.0 - ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" ގައި މުހިން މަޝްވަރާތަކެއް ކޮށްފިއެވެ. ދައުލަތުގެ އެކި އެކި އިދާރާތަކައި ކުންފުނިތަކާއެކު މުޢައްސާސާތަކުން ބައިވެރިވެ ކުރިއަށް ގެންދިޔަ މި ސަމިޓު ރާއްޖެ ޑިޖިޓަލައިޒް ކުރުމާއި ގުޅޭ މުހިންމު ނިންމުންތަކެއް ނިންމާނެއެވެ.
ބާސެލޯ ނަސަންދުރާގައި 3 ދުވަހަށް ކުރިއަށް ގެންދާ މި ސަމިޓުގައި، އެކި އިދާރާތަކާއި މުޢައްސާސަތަކުން 200 މަންދޫބުން ބައިވެރިވާނެއެވެ. މީގެތެރެއިން 50 މަންދޫބުންނަކީ އަމިއްލަ ފަރާތްތައް ތަމްސީލްކުރާ މަންދޫބުންނެވެ. މިސަމިޓުގައި އެސްޓޯނިއާގެ ތަޖުރިބާކާރުންވެސް ބައިވެރިވެ އެ ޤައުމުގެ ޑިޖިޓަލް ނިޒާމާއި ގުޅޭ މުހިންމު މައުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ.
ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ސަމިޓުގައި އެކި އިދާރާތަކުން 10 ކަރުދާހެއް ހުށަހެޅާފައިވެއެވެ. މިކަރުދާސްތަކުގައި އެއިދާރާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވައި ދިމާވާ ގޮންޖެހުންތައް ހިއްސާކޮށްފައިވެއެވެ. އަދި ސަމިޓުގެ ތެރެއިން މިއިން ކޮންމެ ކަރުދާހަކާއި ގުޅުވައިގެން ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންގޮސް ސުވާލާއި ޖަވާބު ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސަމިޓުގެ ތެރެއިން ކުރިއަށް ގެންދިޔަ ބައެއް ސެޝަންތަކަށް ބާލާއިރު، މޯލްޑިވްސް 2.0 ނުވަތަ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަޞައްވުރާއި، އޭގެ އަސާސްތައް ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ އެކި ދާއިރާތައް ޑިޖިޓަލައިޒް ވެފައިވާ މިންވަރާއި ގުޅޭ ކަރުދާސްތައް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާ އަދި މާލީ ދާއިރާއިން މިހާތަނަށް މިކަމަށް ކުރެވިފައިވާ މަސައްކަތްތަކާއި ރޭވިފައި ހުރި މަސައްކަތްތައް ވަނީ ހިއްސާކޮށްފައެވެ.
މީގެ އިތުރުން އެންސީއައިޓީ އާއި ޑީއެންއާރް ފަދަ އިދާރާތަކުން ވަނީ ޑިޖިޓަލް އަދި އައިޑީ ތައްޔާރުކުރުމަށް ކުރެވޭ މަސައްކަތް ހިއްސާކޮށްދެއްވާފައެވެ. އަދި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީންވަނީ މުޅި ނިޒާމު ފަރުމާވެގެން އަންނައިރު، ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތައް ހިއްސާކޮށްދެއްވާފައެވެ.
މި ސަމިޓުގައި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކާއި އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މި މަސައްކަތުގެ އިސްކޮށް ހަރަކާތްތެރިވާ އެއް އިދާރާއަކީ ފަންނިއްޔާތުގެ ދައިރާގެ މެންޑޭޓް ބަލަހައްޓަމުންދާ ދާޚިލީ ސަލަމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއެވެ. މި ސަމިޓުގެ ތެރެއިން ވާހަކަ ދައްކަވަމުން ވަޒީރު އަލީ އިހުސާން ވިދާޅުވީ، މި މަސައްކަތަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިގެން އަަންނާނެ ބޮޑު ބަދަލަކީ، ކުރީގައި އޮޕްޝަންތަކުގައި ގޮތުގައި އޮތްކަން މިހާރު އިޙްތިޔާރީއެއް ނުވާނެ. އެންމެންވެސް ވާންޖެހޭނެ ބައިވެރި. ޚިދުމަތްތައް މިހާރު މިދޭ މިންގަނޑުގައި ދޭންޖެހޭނެ. އެއީ އިޙްތިޔާރެއް ނޫން. އަޅުގަނޑަށް ހީވަނީ ފެނިގެންދާނީ ހިފެހެއްޓިފައިވާ ނިޒާމުތައް ދޫވެގެން ބަދަލުތަކެއް އައިސް ރައްޔިތުންނަށް އިސްކަން ދީގެން ފަރުމާކުރެވޭ ނިޒާމެއް އަންނާނެހެން. އަދި މިއީ ޤައުމީ ޤަނޫނުގެ ތެރެއިން ބެލެހެއްޓޭ ނިޒާމަކަށް ވާނެ" ވަޒީރު އިހުސާން ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މުޅި ދައުލަތުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރުމެވެ. މިކަން ތަންފީޒުކުރުމަށް "މޯޑިވްސް 2.0" އާއި ގުޅޭ ޤާނޫނެއްވެސް ފާސްކުރެވޭނެއެވެ. ސަރުކާރުގެ ޚިދުމަތްތައް ފިޔަވައި ދައުލަތުގެ އެހެން ބާރުތައްވެސް ޑިޖިޓަލައިޒް ކުރުމަށާއި ނިޒާމީ ގޮތުން ހުރި މައްސަލަތައް ހައްލުކުރުމަށް މި ޤާނޫނުގެ ތެރެއިން ބާރުލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ތަޢުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒް ކުރުމަށް އިސްކަންދެއްވާނެކަން ހާމަކުރައްވާފައެވެ.