ޚަބަރު

އެކަށީގެންވާ މިންވަރަށް ފުޓްބޯޅަ ކުޅޭނެ ދަނޑުތައް ނެތުން: އެކެޑަމީތަކުގެ ކަންބޮޑުވުމެއް


ހުޅުމާލެ އަކީ ބޮޑު އާބާދީއެއް އޮތް ރަށެއް ނަމަވެސް އެކަށީގެންވާ މިންވަރަށް ފުޓްބޯޅަ ކުޅޭނެ ދަނޑުތައް ނެތުމަކީ ހުޅުމާލޭގައި ހިންގާ ފުޓްބޯޅަ އެކަޑަމީތަކުން ފާހަގަކުރާކަމެކެވެ. ރާއްޖޭގައި ފުޓްސަލްއަށް އޮންނަ ތަރުހީބު ބޮޑުވެ ފަހަކަށް އައިސް ގިނައިން ތަރައްޤީކޮށްފައިވަނީ ފުޓްސަލް ދަނޑުތަކެވެ.

ހުޅުމާލޭގައިވެސް ފޭސް ވަން އާއި ފޭސް ޓޫގައިވެސް ގިނައިން ފެންނަނީ ފުޓްސަލް ދަނޑުތަކެވެ. އެހެންނަމަވެސް ފުޓްބޯޅަ އެކަޑަމީތަކުގެ އުންމީދަކީ ހުޅުމާލޭގައިވެސް ފުޓްބޯޅަ އެކަޑަމީތަކަށް ބޭނުންކުރެވޭ ވަރުގެ ޖާގަ ތަނަވަސް ދަނޑުތަކެއް ތަރައްޤީކުރެވިގެން ދިއުމެވެ.

ފުޓްބޯޅައަކީ ރާއްޖޭގައި ޒަމާނުންސުރެ ވަރަށް ތަރުހީބު ބޮޑު ކުޅިވަރެކެވެ. ކުޑައިރުން ފެށިގެން ފުޓްބޯޅައިގެ ހުނަރު ހުރި ކުދިން އެކުދިންގެ ހުނަރު އިތުރަށް ތަރައްޤީކުރަން އެކަޑަމީތަކާއި ގުޅެއެވެ.

އެކުދިން ރާއްޖޭގެ މުބާރާތްތަކާއި އެކި އެކި ފިއެސްޓާރތަކުގެ އިތުރުން އަވަށްޓެރި ގައުމުތަކަށްވެސް ބޮޑެތި މުބާރާތްތަށް ކުޅެންދާން ޖެހޭއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ވަރަށް ފަރިތަކުރުމުގެ ފުރުސަތު ނުލިބުމެވެ.

ދަނޑުތައް މަދުވުމާއި، ޖާގަ ކުޑަވުމާއި ދަނޑުތައް ބުކް ކުރުމުގައި ހުންނަ ދަތިތައް ޕީއެސްއެމް ނިއުސް އާއި ބައެއް އެކަޑަމީތަކުން ވަނީ ހިއްސާ ކޮށްފައެވެ.

އެގޮތުން ހުޅުމާލޭގައި ހިންގާ އެޑުވެންޗަރ ފުޓްބޯލް އެކަޑަމީގެ ބާރަ އަހަރުންދަށުގެ ޓީމުގެ ކޯޗު އުބައިދުﷲ އިދުރީސް ބުނީ ހުޅުމާލޭގައި އުޅޭ ކުދިންނަށް ދަނޑުތައް ކުޑަވީމަ ކުޅެން އުނދަގޫވާކަމަށެވެ. އަދި އަރަމުން އަންނަ ކުދިންނަށް ބޮޑެތި ދަނޑުތަކުގައި ކުޅުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

މިއީ ސަރުކާރުން ވިސްނަންވެއްޖެ ކަމެއް ކަމަށާއި، ކަމާގުޅޭ ފަރާތްތަކުން ރާއްޖޭގެ ފުޓްބޯޅަ ދިރާސާކޮށް މިއަންނަ ޖީލުތަކަށްޓަކައި ގެއްލިގެންދާ ފުޓްބޯޅަ ދިރުވާ އާލާކުރަން ޖެހޭ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ސަރުކާރުން ހުޅުމާލޭގައި މިއުޅޭ ފުޓްބޯޅަ އެކަޑަމީތަކަށް ބޮޑު ދަނޑެއް ލިބޭނެ މަގު ފަހިކޮށްދޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.

އަދި ހުޅުމާލޭ ޖޫނިއާ ފުޓްބޯލް އެކަޑަމީގެ 12 އަހަރުންގެ ދަށުގެ ޓީމުގެ ކޯޗު އަބުދުﷲ މުފީދުވެސް ވަނީ ދަނޑު ނުލިބުމުގެ ކަންބޮޑުވުން ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ. އޭނާ ބުނީ މުބާރާތްތަކަށް އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވެނީ ދަނޑުތައް ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން ކަމަށެވެ.

ހުޅުމާލެ އަކީ ބޮޑު އާބާދީއެއް އޮތް ރަށެއް ނަމަވެސް އެކަށީގެންވާ މިންވަރަށް ފުޓްބޯޅަ ކުޅޭނެ ދަނޑުތައް ނެތުމަކީ ހުޅުމާލޭގައި ހިންގާ ފުޓްބޯޅަ އެކަޑަމީތަކުން ފާހަގަ ކުރާކަމެކެވެ.