ޔޫއެފާ ކޮންފަރެންސް ލީގުގެ ފައިނަލުގެ ޖާގައެއް ޗެލްސީ އިން ހޯދައިފި އެވެ.
ޕްރިމިއާ ލީގުގެ ގަދަ ފަހެއްގެ ޖާގައެއް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ޗެލްސީ އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ސްވިޑަންގެ ޖިއޮގާޑެން އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖުމްލަ 5-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ސްވިޑަންގައި ކުޅުނު މެޗު ޗެލްސީ އިން ވަނީ 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.
ސްޓެމްފަޑް ބްރިޖްގައި ރޭ ކުޅުނު ދެވަނަ ލެގަށް ޗެލްސީން ނިކުތްއިރު ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގައި މި ހަފްތާގައި ޗެމްޕިއަން ލިވަޕޫލް އަތުން މޮޅުވި ޓީމަށް 10 ބަދަލެއް ގެނެސްފަ އެވެ. އޭގެ ތެރެއިން އުމުރުން 16 އަހަރުގެ ރެގީ ވޮލްޝް އަށް ވަނީ ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ދީފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 38 ވަނަ މިނިޓުގައި ޗެލްސީ އަށް ކާމިޔާބުކޮށްދީފައިވަނީ ކިއެނާން ޑިއުސްބެރީ-ހޯލް އެވެ.
އެންޒޯ މަރެސްކާ ވަނީ މެޗުގެ ދެވަނަ ހާފުގައި އުމުރުން 17 އަހަރުގެ ދެ ކުޅުންތެރިން ކަމުގައިވާ ޝިމް މެހޫކާ އާއި ގެނެސިސް އެންޓްވީ އަށް ފުރުސަތުދީފަ އެވެ.
ކޮންފަރެންސް ލީގުގެ ފައިނަލުން ޗެލްސީ ފުރުސަތު ހޯދާފައިވާއިރު މިއީ ޔޫރަޕްގެ މުބާރާތެއްގެ ފައިނަލުގައި އެ ޓީމުން ވާދަކުރާ އަށްވަނަ ފަހަރެވެ. އަދި މި މުބާރާތް ޗެލްސީ އިން ކާމިޔާބުކޮށްފިނަމަ އެ ޓީމު ވެގެންދާނީ ޔޫއެފާ އިން އިންތިޒާމު ކުރާ ތިން މުބާރާތް ކާމިޔާބުކުރި ހަމައެކަނި ކްލަބަށެވެ.
ޗެލްސީ އިން ޔޫރަޕްގެ މުބާރާތެއް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ 2021 ވަނަ އަހަރު މެންޗެސްޓަރ ސިޓީ 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގެވެ.