ސޫރިޔާގެ ސަރުކާރުގެ މުޒައްޒަފުންނަށް މުސާރަ ހަމަޖެއްސުމަށް ޤަޠަރުން ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް ކުރިއަށް ދިޔުމަށް އިޢުތިރާޒެއް ނެތް ކަމަށް އެމެރިކާއިން ބުނެފިއެވެ. މިއީ ދާޚިލީ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތަކުގެ ސަބަބުން އެތައް އަހަރެއް ވަންދެން ނުތަނަވަސްކަމުގެ ތެރޭގައި އޮތް ސޫރިޔާ އަލުން ބިނާ ކުރުމަށް އެ ޤައުމުގެ އައު ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެެކެވެ.
14 އަހަރު ދުވަސްވަންދެން ސޫރިޔާގައި ހިނގި ހަމަނުޖެހުންތަކާއި އެ ޤައުމާ ދެެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރީގެ ރައީސް ބައްޝާރު އަލް-އަސަދު ވަކި ބަޔަކަށް ފައިދާވާ ގޮަތަށް އެތައް ޒަމާނެއް ވަންދެން ވެރިކަން ކުރެއްވުމުގެ ސަބަބުން ދަޢުލަތް ބަނގުރޫޓުވެ ޢާންމު ޚިދުމަތުގައި މަސައްކަތް ކުރަމުންދިޔަ މީހުންނަށް ލިބެމުންދިޔަ އާމްދަނީ ވަނީ ވަރަށް ކުޑަވެފައެވެ. އދން ބުނީ ސޫރިޔާގެ ކޮންމެ 10 ރަައްޔިތެއްގެ ތެރެއިން 9 މީހުން ދިރިއުޅެނީ ފަޤީރުކަމުގެ ޙާލަތުގައި ކަމަށެވެ.
ޤަޠަރަކީ ސޫރިޔާގެ އައު ރައީސް އަޙްމަދު އަލް-ޝަރާޢުގެ ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވާ އެއް ޤައުމެވެ. ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުގެ ވެރިކަން ނިމުނުތާ ދުވަސްކޮޅެއް ތެރޭގައި ޤަޠަރުން ވަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ ހަމަޖެއްސުމަސް ފައިސާ ދިނުމަށް ހުށަހަޅާފައެވެ. ނަމަވެސް އެ ޤައުމުން ވެސް ވަނީ އެމެރިކާގެ ހިތްހަމަނުޖެހުމާ ކުރިމަތިލާން ޖެހިދާނެތީ ބައެއް ކަންކަން ކުރިއަށް ގެންދިޔުމަށް ފަސްޖެހިފައެވެ. އެމެރިކާއަކީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުގައި ހުންނެވިއިރު ސޫރިޔާއާ ދެކޮޅަށް ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ޤައުމެކެވެ.
ސޫރިޔާގެ މާލީ ވަޒީރު ނެރުނު ބަޔާނެއްގައި ބުނީ މަހަކު 29 މިލިޔަން އެމެރިކާ ޑޮލަރުގެ މަގުން ތިން މަސް ދުވަސް ވަންދެން ސަރުކާރު މުވައްޒަފުންގެ މުސާރަ ހަމަޖެއްސުމަށް ޤަޠަރުން ފައިސާ ދިނުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެ މުއްދަތު އިތުރު ކުރުން އެކަށީގެންވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ހަމަޖެއްސުމަށް ޤަޠަރުން ސޫރިޔާއަށް ދޭ އެހީއަކީ އެމެރިކާއިން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އިސްތިސްނާވާ އެހީއެއް ކަމަށް ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އެ އެހީގެ ކަންކަން ބަލަހައްޓާ ހިންގާނީ އދގެ އިދާރާއެއް ކަމަށްވާ ޔޫއެންޑީޕީ މެދުވެރިކޮށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ކަމާގުޅޭ މަޢުލޫމާތު އެނގޭ ދެ މަސްދަރަކުން ބުނީ ސަރުކާރު މުވައްޒަފުންގެ މުސާރައަށްވާ ފައިސާ ޤަޠަރުން ދިނުމަށް އެމެރިކާއިން ޙުއްދަ ދީފައިވާ ކަން ޤަޠަރަށް މިހާރު އަނގާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ރަސްމީ ލިޔުމެއް އެމެރިކާ ސަރުކާރުން ވަރަށް އަވަހަށް ފޯރުކޮށްދޭނެކަން ވެސް ޤަޠަރާ ޙިއްޞާ ކޮށްފައިވާ ކަމަށް އޭނާ ފާހަގަ ކޮށްފައިވެއެވެ.
އެމެރިކާއިން މި ފަދަ ޙުއްދައެެއް ދިނުމަކީ ސޫރިޔާއާ ގުޅޭގޮތުން އެމެރިކާއިން ގެންގުޅެމުންދިޔަ ހަރުކަށި ސިޔާސަތުތަކަށް ލުއި ދޭން ފަށައިވާކަމުގެ އިޝާރާތެކެވެ. ވިލާތުގެ ޤައުމުތަކުން ވަނީ އެެމެރިކާއަށް ވުރެ ކުރިން ސޫރިޔާއަށް އެ ފަދަ ލުއި ފަށައިފައެވެ.
އެނގިފައިވާ ގޮތުގައި ޤަޠަރުން މުސާރައަށްވާ ފައިސާ ދެނީ ޝަރުތުތަކެއްގެ މަތިންނެވެ. އެ ފައިސާ ޚަރަދު ކުރެވޭނީ އާންމު މަސައްކަތުގައި ޙަރަކާތްތެރިވާ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް އެކަންޏެވެ. އޭގެ ތެރޭގައި ދާޚިލީ ވުޒާރާއާއި ދިފާޢީ ވުޒާރާާގެ މުވައްޒަފުންނެއް ނުހިމެނެއެވެ. ކުރިން އަލް-ޤާއިދާ ޖަމާޢަތުގެ އިސްވެރިއެއްގެ ގޮތުގައި ޙަރަކާތްތެރިވެފައިވާ ސޫރިޔާގެ މިހާރުގެ އޮންތިޤާލީ ރައީސް ޝަރާޢު، އޭނާއާ ހަރުކަށި ޖަމާޢަތްތަކާ މިހާރު ގުޅުމެއް ނޯންނަކަން ހުޅަނގުގެ ޤައުމުތަކަށް ޔަޤީން ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް އެ ކަން އަދި އެންމެ ފުރިހަމައަށް ޙާޞިލް ވެފައެއް ނުވެއެވެ. ދެ ވުޒާރާގެ މުވައްޒަފުންނަށް ޤަޠަރުން ދޭ ފައިސާއިން މުސާރަ ނުދެވޭތީ ޤައުމުތަކުގެ ކަންބޮޑުވުންތައް އަދިވެސް ހުރިކަން ދޭހަވެއެވެ.
ބެލެވޭ ގޮތުގައި ކުރިއަށް އޮތް މަހުގެ ތެރޭގައި ޤަޠަރުން ދޭ ފައިސާ ސޫރިޔާއަށް ލިބޭނެއެވެ. އެއާއެކު، ކުރިއަށް އޮތް މަސްތަކުގައި މަރުަޙަލާތަކަށް ބަހާލައިގެން ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ތިބި މިލިޔަނެއްހާ މީހުންނަށް މިހާރު ލިބޭ މުސާރައަށްވުރެ 400 އިންސައްތަ ބޮޑު މުސާރައެއް ދޭން ފެށޭނެއެވެ. ޤަޠަރުންދޭ ފައިސާއިން މުސާރަ ނުދެވޭ ވުޒާރާތަކުގެ މުވައްޒަފުންނަށް ސަރުކާރުގެ އެހެން މުވައްޒަފުންނަށް މުސާރަދޭ ރޭޓުގައި ބޮޑު މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ހޯދައި ހަމަޖައްސާނީ ސޫރިޔާގެ ސަރުކާރުންނެވެ.