ޚަބަރު

ސޫރިޔާގެ ބޮޑު ސަރަޙައްދަކަށް އަތްގަދަ ކުރުމަށްފަހު ޔޫއޭއީ މެދުވެރިކޮށް ޝަރާޢުގެ ސަރުކަރާ ޔަހޫދީން މަޝްވަރާކުރަނީ


އެކުވެރި ޢަރަބި އިމާރާތުން ސޫރިޔާާއާއި ޔަހޫދީންނާ ދެމެދު ނުރަސްމީ މަޝްވަރާތައް ކުރުަމަށް މަގުފަހި ކޮށްދީފައިވާ ކަަމަށް މަސްދަރުތަކުން ބުނެފިއެވެ. ސޫރިޔާއާއި ޔަހޫދީންނާ ދެމެދު މި ފަދަ މަޝްވަރާތައް ކުރަމުންދާ ކަން ހާމަވެފައި މި ވަނީ ސޫރިޔާގެ ބޮޑު ސަރަޙައްދަކަށް ޔަހޫދީން އަތްގަދަ ކުރުމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮންނަ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

‎މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އޭރު ސޫރިޔާގެ ރައީސްގެ މަޤާމުގައި ހުންނެވި ބައްޝާރު އަލް-އަސަދުގެ ވެެރިކަން އެ ޤައުމުގެ ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ ހަޔިއަތު ތަޙްރީރް އައް-ޝާމް (އެޗްޓީއެސު)ން ވައްޓާލި ފަހުން ޔަހޫދީން ވަނީ ސޫރިޔާގައި ހިންގާ
‎އަސްކަރީ އޮޕަރޭޝަންތައް އިތުރު ކޮށްފައެވެ. އެގޮތުން ސޫރިޔާގެ އެކި ސަރަޙަައްދުތަކަށް ވައިގެ ޙަމަލާތައް ދީ ސޫރިޔާގެ ހުޅަނގު ދެކުނު ސަރަޙައްދުގައި ޔަހޫދީންގެ ފަައުޖު ޙަރަކާތްތެރިވުން ހިމެނެއެވެ. ސޫރިޔާގައި ވަރުގަދަ، އެއްބައިވަންތަ ސަރުކާރެއް އޮތުމަށް ޔަހޫދީން ނޭދެއެވެ.

‎ޔަހޫދީން ސޫރިޔާއަށް ޙަމަލާތައް ދެމުން ދަނީ އެ ޤައުމުގެ އިންތިޤާލީ ރައީސް އަޙްމަދު ޝަރާޢުއާމެދު އޮންނަ ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށް ދެއްކުމަށް އިސްރާއީލުން މަސައްކަތް ކުރެއެވެ. އޭނާއަކީ މީގެ އަހަރުތަކެއް ކުރިން އަލް-ޤާޢިދާގެ ގޮތްޕެއްގެ އިސްވެރިއަކަށް ހުރި މީހެކެވެ. އޭގެ އިތުރުން ސޫރިޔާއާއި ލުބުނާނާއި އިސްރާއީލުގައި ދިރިއުޅޭ މީސްމަދު ދްރޫޒީންގެ ހައްޤުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި ވެސް ޔަހޫދީން ދަނީ ސޫރިޔާއަށް ޙަމަލާ ދީ ޔަހޫދީ ސިފައިން އެ ޤައުމުގައި ބައިތިއްބަމުންނެވެ.

މި ހާލަތުގައި އެކުވެރި ޢަރަބި އިމާރާތް މެދުވެރިކޮށް ޔަހޫދީންނާއި ސޫރިޔާއާ ދެމެދު ނުސީދާ މަޝްވަރާތައް ކުރިއަށް ގެންދަނީ ސަލާމަތީ ކަންކަމާއި ޖާސޫސީ ކަންކަމަށް އިސްކަންދީގެންނެވެ. ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމް ކޮށްފައި ނުވާ މި ދެ ޤައުމުން އެއްބަޔަކު އަނެއްބަޔަކާ މެދު އިތުބާރު ޤާއިމު ކުރުމަކީ ވެސް މަޝްވަރާތަކުގެ އަމާޒެއް ކަަމަށް މަސްދަރުތަކުން ބުނެއެވެ.

ކަމާ ގުޅޭ މަޢުލޫމާތު އެނގޭ މަސްދަރަކުން ބުނީ މިދިޔަ އޭޕްރިލް މަހުގެ 13ވަނަ ދުވަހު ސޫރިޔާގެ ރައީސް ޝަރާޢު އެކުވެރި ޢަރަބި އިމާރާތަށް ކުރި ޒިޔާރަތުގެ ތެރެއިން ޔަހޫދީންނާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. މި ވަގުތު މަޝްވަރާތަކުގެ އަމާޒު ހުރީ ޓެކްނިކަލް ކަންކަމަށް ކަމަށާއި ކުރިއަށް އޮތްތަނުގައި މަޝްވަރާ ނުކުރެވެންވީ މަޢުޟޫއެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެކުވެރި ޢަރަބި އިމާރާތް މެދުވެރިކޮށް ޔަހޫދީންނާ މަޝްވަރާ ކުރުމާ ގުޅޭގޮތުން ޝަރާޢުއާ ފަރަންސޭސިވިލާތުގެ ޕެރިހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން އޭނާ ބުނީ މިހާރު އޮތް ހަލަބޮލި ޙާލަތު ރަނގަޅު ކުރުމަށް ބަޔަކު މެދުވެރިވެ ނުސީދާ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އެއީ އެ ފަދަ މަޝްވަރާތައް ކުރިއަށް ދާ ކަން އޭނާ ޔަޤީން ކޮށްދިން ފުރިހަމަ ފަހަރެވެ.

ޝަރާޢު ބުނީ އިސްރާއިލާ މުޢާމަލާތު ކުރަމުންދާ ހުރިހާ ދައުލަތްތަކާއެކު ސޫރިޔާއިން ވާހަކަ ދައްކަމުންދާ ކަމަށެވެ. އެއީ ސޫރިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޔަހޫދީން ނުވަނުމަށާއި، ސޫރިޔާގެ ވައިގެ ސަރަޙައްދަށް ނުވަނުމަށާއި، އަދި އަސްކަރީ މަޤާމުތަކަށް ޙަމަލާ ދިނުން ހުއްޓުވުމަށް އެ ދައުލަތްތައް މެދުވެރިކޮށް އިސްރާއީލަށް ޕްރެޝަރު ކުރުމަށް ކަމަށް އެނާ ބުނެފައިވެއެވެ.

ނަމަވެސް އެކުވެރި ޢަރަބި އިމާރާތުގެ ސިޔާސީކަންކަމާބެހޭ ޚާރިޖީ ވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރުގެ ޚާއްޞަ މުޝީރު ލާނާ ނުސައިބާ ވިދާޅުވީ ސޫރިޔުާއާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ ‘ސިއްރު’ މަޝްވަރާތައް މަގުފަހި ކޮށްދެނީ އެ ޤައުމުން ކަމަށް ބުނާ ބުނުމަކީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެ ފަދަ އެއްވެސް މަޝްވަރާއެއް ކުރިއަށް ގެންދިޔުމުގައި އެ ޤައުމުން އެއްވެސް ދައުރެއް ޢަދާ ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޫރިޔާގެ ސަލާމަތީ ކަންކަމާބެހޭ އިސްފަރާތެއްަ ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ޔޫއޭއީ މެދުވެރިކޮށް ސޫރިޔާއާއި އިސްރާއީލާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި ވާހަކަ ދެކެވެނީ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އެކަނި ކަމަށެވެ. އަދި ނިރުބަވެރިކަމާ ދެކޮޅަށް ކުރާ ބައެެއް މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަސްކަރިއްޔާއާ ގުޅޭ ކަންކަން، ޚާއްޞަކޮށް ސޫރިޔާގައި ޙަރަކާތްތެރިވާ ޔަހޫދީ ސިފައިންނާ ގުޅޭ ކަންކަން މި މަޝްވަރާތަކުގެ ތެރޭގައި ނުހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި މަޝްވަރާތަކުގައި އެކުވެރި ޢަރަބި އިމާރާތުގެ ސަލާމަތީ ކަންކަމާ ގުޅޭ ބޭފުޅުންނާއި ސޫރިޔާގެ ޖާސޫސީ އޮފިސަރުންނާއި ޔަހޫދީންގެ ކުރީގެ ޖާސޫސީ އޮފިސަރުން ވެސް ބައިވެރިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

މި ވާހަކަތަކާ ގުޅޭގޮތުން ސޫރިޔާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިދާރާއިން ބުނީ އެ ކަމާ ގުޅޭގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

ސޫރިޔާއާއި އިސްރާއީލާ މެދު ނުސީދާ މަޝްވަރާތައް ކުރަން ފަށާފައި ވަނީ ސޫރިޔާގެ ރިޔާސީ ގަނޑުވަރާ 500 މީޓަރު ދުރުގައި އޮތް ސަރަޙައްދަކަށް މިދިޔަ ހަފްތާގެ ތެރޭގައި ޔަހޫދީން ވައިގެ ޙަމަލާއެއް ދިނުމުގެ ކުރިންނެވެ. އިސްރާއީލުން އެ ޙަމަލާ ދީފައި ވަނީ ސޫރިޔާގައި ދިރިއުޅޭ ދްރޫޒީންނާއެކު ސޫރިޔާގެ އަސްކަރިއްޔާއިން ޙަމަލާ ބަދަލު ކުރުމުން އެކަމާ ދެކޮޅަށް ދިން އިންޒާރެއްގެ ގޮތުގައެވެ. އެކުވެރި ޢަރަބި އިމާރާތް މެދުވެރި ކޮށް ކުރަމުންދާ މަޝްވަރާތައް އެ ޙަމަލާ ދިން ފަހުން ކުރިއަށް ގެންގޮސްފައިވާ ކަމެއް ސާފެއް ނުވެއެވެ.

ސޫރިޔާގެ އައު ސަރުކާރުން ދަނީ ޔަހޫދީންނާ ޢަދާވާތްތެރިކަމެއް ނެތް ކަމަށް ދެއްކުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ޕަލެސްޓީނިއަން އިސްލާމިކް ޖިހާދު ކިޔާ ޖަމާޢަތަކަށް ނިޞްބަތްވާ ބަޔަކު ހައްޔަރު ކުރުމާއި ސޫރިޔާގައި ދިރިއުޅޭ ޔަހޫދީންނާ ގުޅުން ބަދަހި ކުރުން ހިމެނެއެވެ. އެމެރިކާގެ ޚާރިޖީ އިދާރާއަށް ސޫރިޔާގެ ޚާރިޖީ ވުޒާރާއިން މިދިޔަ މަހު ފޮނުވި ސިޓީއެއްގައި ސޫރިޔާއަކީ އިސްރާއީލް ހިމެނޭ ގޮތަށް އެއްވެސް ޤައުމަކަށް އޮތް ނުރައްކަލަކަށް ވުމުގެ ފުރުޞަތު ސަރުކާރުން ނުދޭނެ ކަމަށް ވަނީ ބުނެފައެވެ.

ޔަހޫދީންނާއި ސޫރިޔާއާ ދެމެދު ސީދާ މަޝްވަރާ ނުކުރެވޭތީ، 2020ވަނަ އަހަރުގެ ތެރޭގައި ޔަހޫދީންނާ ގުޅުން ބަދަހި ކޮށްފައިވާ އެކުވެރި ޢަރަބި އިމާރާތަކީ ސޫރިޔާގެ މިހާރުގެ ޙާލަތު ރަނގަޅު ކުރުމުގައި މެދުވެރިއެއްގެ ޙައިޞިއްޔަތުން މުހިންމު ދައުރެއް ޢަދާ ކުރެވޭނެ ޤައުމެއް ކަމަށް ސޫރިޔާއިން ޤަބޫލު ކުރެެއެވެ.