ޚަބަރު

ޣައްޒާގައި ދިރިތިބި އަސީރުންގެ ޢަދަދާމެދު އޮޅުންތަކެއް، ގިނަ މީހުން ވަނީ މަރުވެފައި


  • []

ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުންގެ ތެރެއިން 24 މީހުން ދިރިތިބި ކަމަށް ޔަހޫދީން ބުނެފިއެވެ. ޔަހޫދީން މިހެން އިޢުލާނު ކޮށްފައި ވަނީ ފަލަސްޠީނުގެ ޣައްޒާގައި މިހާރު ދިރިތިބީ ޔަހޫދީ އަސީރުންގެ ތެރެއިން 21 މީހުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އަސީރުންގެ ޢާއިލާތަކުގެ މެދުގައި ކަންބޮޑުވުން އުފެދުމުންނެވެ.

ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކަށް ކެތް ނުކުރެވިގެން ޙަމާސުން ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ދިން ޖިހާދީ ޙަމަލާއެއްގައި ޔަހޫދީންގެ 251 މީހުން އަސީރުންގެ ގޮތުގައި ގެންގޮސްފައެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު މީގެ ކުރިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބައެއް އަސީރުން ވަނީ މިނިވަން ކޮށްފައެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އޮތް ހަފްލާއެއްގައި ވާހަކަ ދަައްކަވަމުން ޓްރަމްޕް ވިލާޅުވީ މީގެ ހަފްތާއެއް ކުރިން ޣައްޒާގައި 24 އަސީރުން ދިރިތިބި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ތިން އަސީރުން މަރުވެފައިވާ ކަމަށާއި މިހާރު ދުނިޔޭގައި ތިބީ 21 އަސީރުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްޞީލު ދެއްވާފައެއް ނުވެއެވެ.

ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން އަސީރުންގެ ޢާއިލާތައް ތަމްސީލު ކުރާ ގުރޫޕަކުން ވަނީ އަސީރުންނާ ގުޅޭ އެއްވެސް އައު މަޢުލޫމާތެއް ވާނަމަ އެ މަޢުލޫމާތެއް ވީ އެންމެ އަވަހަކަށް އަސީރުންގެ ޢާއިލާތަކާ ޙިއްޞާ ކުރުމަށް ޔަހޫދީ ސަރުކާރަށް ގޮވާލައިފައެވެ.

ޓްރަމްޕްގެ ވާހަކަތަކަށްފަހު އެކްސްގައި ކުރި ޕޯސްޓެއްގައި ޔަހޫދީންގެ އަސީރުންނާ ގުޅޭ ކޯއޯޑިނޭޓަރު، ގަލް ހާޝް ބުނީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޔަހޫދީންގެ ޖުމްލަ 59 އަސީރުން ތިބި ކަމަށެވެ. އޭގެ ތެރެއިން 35 މީހުން މަރުވެފައިވާ ކަމަށާއި 24 މީހުން ދިރިތިބި ކަމަށް އޭނާ ވަނީ ބުނެފައެވެ.