މިއަހަރުގެ ޖަނުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށް 3.8 މިލިޔަން ގަސް އެތެރެކޮށްފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށް ޖުމްލަ 405 ޝިޕްމަންޓެއް ބަލައި ފާސްކޮށް، 3،869،648 ގަސް ވަނީ ރާއްޖެ އެތެރެކޮށްފައެވެ.
ރާއްޖެއެތެރެކުރި ގަސްތަކުގެތެރެއިން ގަވާއިދާ ޚިލާފުވެގެންވަނީ 37 ޝިޕްމަންޓެއް ހިފަހައްޓާފައެވެ. އެއީ ޖުމްލަ 4،732 ގަހެވެ. މީގެއިތުރުން، ރާއްޖެ އެތެރެކުރެވުނު ގަސްތަކުގެ ތެރެއިން ބަލައިފާސްކުރުމަށްފަހު އެ ވުޒާރާއިންވަނީ 368 ޝިޕްމަންޓެއްދޫކޮށްފައެވެ. އޭގައި ހިމެނެނީ 3،864،916 ގަހެވެ.
1 ޖަނަވަރީ 2025 އިން 30 އެޕްރީލް 2025 އަށް ގަސްގަހާގެހީގެ ބާވަތްތަކުގެ އިންސްޕެކްޝަންތަކުގެ ތަފާސް ހިސާބު pic.twitter.com/eB9t999JHu
— Ministry of Agriculture and Animal Welfare (@MAAWmv) May 7, 2025
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ލިޔެކިޔުންތައް ހަމަކުރުމުން 2 ޝިޕްމްންޓަކުން 324 ގަސްވަނީ ދޫކޮށްފައެވެ. އަދި 35 ޝިޕްމަންޓެއްގައި ހިމެނޭ ޖުމްލަ 4،408 ގަހެއްވަނީ ނައްތާލާފައެވެ.
ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ގަސް އިންދުން އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެެވެ.