ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދުމަށް ފުރާނައިން ގުރުބާންވާ ފެންވަރަށް ކުޅެން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ކުޅުންތެރިންގެ ކިބައިން އެދެފިއެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން އޭނާ ބުނީ ޕީއެސްޖީ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެމީހުން އަތުން މޮޅުވެވޭނީ މި ފެންވަރަށް ކުޅެގެން ކަމަށެވެ.
ނަމަވެސް އާޓެޓާ ވަނީ ޕީއެސްޖީގެ މޮޅު ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން އިންކާރުކޮށްފަ އެވެ. އޭނާ ބުނީ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް އާސެނަލް ތައްޔާރުވާނީ އެއް ގޮތަކަށް ކަމަށެވެ.
"ހަމަ ތެދަށް މި ބުނަނީ. އަހަރެންނަކަށް ހިޔެއް ނުވެ ވަކި ޑިޕާޓްމަންޓެއް އެހެން ޓިޕާޓްމަންޓްތަކާ ތަފާތުހެން. އެމީހުންގެ އެންމެ މޮޅު ކަމަކީ ތިބި ކުޅުންތެރިން މޮޅުކަން. އަހަރުމެންނަކީ ވެސް ވަކި ތަފާތު ޓީމެއްނޫން. އަހަރުމެން ނުވިސްނަން އިދިކޮޅު ޓީމުގެ މޮޅު ދެރަކަމާމެދު. ކޮންމެ ޓީމަކާ ދެކޮޅަށް ވެސް އަހަރުމެން ތައްޔާރުވަނީ އެއް ގޮތަކަށް،" އާޓެޓާ ބުންޏެވެ.
އޭނާ އަދި ބުނީ ފުރަތަމަ ލެގުގައި އާސެނަލް ބަލިވި ނަމަވެސް އެ މެޗުގެ ފަހު ހާފުގައި ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މި މެޗުގައި އެ ވަރަށް ކުޅެފިނަމަ އާސެނަލް މޮޅުނުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އަހަރުމެން މި ތިބީ ސެމީ ފައިނަލެއްގައި އަނެއްކާ ވެސް. މޮޅުވެގެން އަހަރުމެންނަށް ފައިނަލަށް ދެވޭނެ. މިހެންވެ އަހަރުމެން މާބޮޑަށް ކަންބޮޑުވާންވީ ކަމެއްނެތް. އަހަރުމެން މި ތިބީ ތައްޔާރުވެގެން މި މެޗުގައި ނަތީޖާ ނެރެން. އަހަރުމެންނަށް ތާރީހުގެ ތެރެއަށް ވަދެވިދާނެ. އެހެންވީމާ އަހަރުމެން ތައްޔާރުވަނީ އެކަން ކުރަން،" އާޓެޓާ ބުންޏެވެ.
އާސެނަލް މިހާތަނަށް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނީ2005ގަ އެވެ. އެ ފަހަރު ފައިނަލްގައި ބަލިވީ ބާސެލޯނާ އަތުންނެވެ.